ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަރެކްޝަންސްގެ އޮފިސަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފިއެވެ.

ހުކުރު ދުވަހު ހައްޔަރުކުރި ކަރެކްޝަނަލްގެ އޮފިސަރުގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ކަރެކްޝަނަލްގެ ޖަލު އޮފިސަރުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އޭނާ ބަންދުގައި ބަހައްޓަން ކުރި އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދުކުރަން ނިންމީ، ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް ކުރިކަމުގެ މިންވަރަށް ހެކި ލިބިފައިވާތީއެވެ.

ފުލުހުން ހުށަހެޅި ބަޔާނުގައި އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓުތަކެއް ފެނިފައިވާކަަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތާައި ގުޅިގެން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މިފަދަ ކަންކަމުގައި މަދުން ނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުން ފަސޭހައިން މަސްތުވާތަކެތި ލިބެން ހުރެއެވެ. އަދި ޖަލަށް ވެއްދުން މަނާ ފޯން ފަދަ ތަކެތި ވެސް ގައިދީން އާއްމުކޮށް ބޭނުން ކުރެއެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެތަކެތި ގިނަ ފަހަރަށް ޖަލަށް ވައްދަނީ ކަރެކްޝަނަލްގެ އޮފިސަރުންނާއި ގުޅިގެންނެވެ.