ފޯޅަވަހި ނުވަތަ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕްއިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ މައްސަލައިގައި އޭޖީ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއަށް އެމައްސަލަ ހުށަހެޅީ މިއަދު އެވެ. މިއަދު މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައި ކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން ސަބަބު ބަޔާންކޮށް ސޮއި ކޮށް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެއެވެ. އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ވަޒީރަށް 14 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު މައްސަލަ އެޖެންޑާ ކުރެވޭނެއެވެ. ވަޒީރަށް މަޖިލީހަށް ހާޒިރުވެ އަދި ލިޔުމުން ވެސް މެންބަރުންގެ ތުހުމަތުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 50 އަށް ވުރެ ގިނައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.