ލ.އަތޮޅު ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލާއި އަދި ލ.އަތޮޅުގައި ކުރިއަށް ގެންދަން ސަރުކާރުން ވައުދުވި އެހެނިހެން މަޝްރޫއުތައް ވެސް ކުރިއަށް ނުދާތީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެކަން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އާއި ޕާޓީގެ އިސް ބޭފުޅުންގެ ވަފްދެއް މި މެއިމަހުގެ 11 އިން 13 އަށް ހައްދުންމަތި ގަމާއި ފޮނަދޫއަށް ކުރި ދަތުރުގައި މި ރަށްތަކުގެ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ އެކިއެކި ޝަކުވާއާއި، ކަންބޮޑުވުންތައް ވަނީ ބަލައިފަ އެވެ.

އޭގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕޭނުގައި ވެލައްވާފައިވާ ވައުދާއި، ރައީސުލްޖުމްހޫރިއްޔާ ކަމާއި ހަވާލުވެލެއްވިފަހުން ވެވަޑައިގެންފައިވާ ވައުދާ، އަދި ސަރުކާރުން އިޢުލާންކުރައްވާފައިވާ މަޝްރޫއުތައް ފެށިފައި ނުވުމާއި، ފެށިފައިވާ ކަންކަންވެސް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި، ނިންމަން ކަނޑައެޅިފައިވާ ތާރީހަށް ނުނިމުންފަދަ ކަންކަމެވެ.

އޭގެ ތެރޭގައި އިންޑިއާގެ އެހީގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އެތައް ދުވަހެއް ވީއިރުވެސް ނުފެށުން ހިމެނެ އެވެ. ކެންސަރު ހޮސްޕިޓަލު އަޅަން ނިންމާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރެއްވީ ރައީސް ސޯލިހްއާއިއެކު 4 ޑިސެމްބަރު 2019 ގައޮ ބޭއްވެވި ވާޗުއަލް ބައްދަލުވުމެއްގަ އެވެ.

އޭގެ ފަހުންެ އެ ހޮސްޕިޓަލު އަޅަން އެތަކެއް ތާރީހުތަކެއް ދީ، މި ދައުރު ނިމެން ކައިރިވީއިރުވެސް އެ މަސައްކަތް ނުފެށެ އެވެ. އެންމެ ފަހުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މި މަހު ކުރީކޮޅު ވިދާޅުވީ އެ މަސައްކަތް ވެސް "ފަށަނީ" ކަމަށާއި މިހާރު އެކަން އޮތީ ޕޭޕާ ވޯކް މަރުހަލާގައި ކަމަށެވެ.

ލާމުގައި މަސައްކަތް ކުރިއަށް ނުދާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި، ލ.ގަމު ޓާޝަރީ ހޮސްޕިޓަލުގެ މަޝްރޫޢު، ލ.ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީ ކުރުން، ލ.ގާދޫ އިންޓަނޭޝަނަލް ޕޯޓް، ލ.ބަރެސްދޫ އިންޓަގްރޭޓޭޑް ޓޫރިޒަމް މަޝްރޫއު، އިގުތިސާދީ ހަބެއްގެ ގޮތުގައި ގަން ތަރައްގީކުރުން، އައްސޭރި ޕްރޮޖެކްޓް، އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ.ގަމު އައު ކެމްޕަސްގެ މަސައްކަތް ފަދަ މަޝްްރޫޢޫތައް ހިމެނެއެވެ.

އެހެންވެ ރައްޔިތުންގެ އެކަންބޮޑުވުންތައް އެމްއެންޕީއިން ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑަބިޔާ

    ކަލޯމިހުރިހާދުވަހު ކޮންތާކުހުރީ ވެރިކަމަށް ހޭކެޑުނަސް ބޮޑުވަރު

  2. ހަމަހޭ

    ތީދެން މާ ބޮޑު ކަމެއް ނޫނޯ ސެލްފީ ބުނީ. އޭނަ ބޮލުގަ އަތް އަޅާއިގެން ވިސްނާނެ މާބޮޑެތި ކަންކަން އެބަހުއްޓޯ.

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ލާމު އަތޮޅުގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ އިބޫ "ކަޓު" ނަގާފައި އަޅާ ބޭކާރު ހޮސްޕިޓަލް އެކެވެ. ބޮޑު ސިންގާހަ ހޮސްޕިޓަލް އެއް އެޅިދާނެއެވެ. ނަމަވެސް ތަން ހުންނާނީ ހުހަށްކަން ކަށަވަރެވެ. ލާމު އަތޮޅު ހޮސްޕިޓަލް ގައި ވެސް އެންމެ ކުޑަވެގެން ޕެނެޑޯލް ގުޅައެއް ހާ-ހިސާބު ނެތެވެ. ދެން އެހެންވީއިރު، ކެންސަރު ހޮސްޕިޓަލް އަށް ބޭނުންވާ ގިނަ ބޭސް ތަކާއި އިންޖެކްޝަން ހޯދާނީ ކޮން ތާކުން ހެއްޔެވެ؟ ކައިރީގައި މިއޮތީ ޓްރިވެންޑްރަމް ގެ އާރް.ސީ.ސީ (ރީޖަނަލް ކެންސަރ ސެންޓަރ) އެވެ. ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންނާއި ކެންސަރުގެ ބޭސް އެތާ އެބަހުއްޓެވެ. މުޅިން ހިލޭ ބޭސް ކުރެވޭ ތަނެކެވެ. ޓިކެޓާއި ހުރުމާއި ކެއުން ރާއްޖެއަށް ވުރެ މާ އަގުހެވެ. ހުޅުމާލޭ ގެ ކެންސަރު ސެންޓަރު ތަރައްޤީ ކުރުން މާ ފައިދާ ބޮޑެވެ!

    1
    1
  4. ތަރުޖަމާނު

    ރައްޔިތުންގެ ކަންބޮޑުވުމާ ގުޅޭ މިފަދަ ބޮޑެތި ކަންކަމާ، ގައުމާ ގުޅިފައިވާ އެކިއެކި މައްސަލަތައް މަޖިލިހަށާ ތަންތަނަށް ގެންދާތަން މި ފެންނަނީ އެމް.އެން.ޕީ ގެ ފަރާތުން، ދެން އެހެން ޕާޓީތަކުން މި ފެންނަނީ އެމީހުންގެ ކަންކަމާ އުޅޭތަން. ނޫނީ ކޭކުފޮތިން ފަޅިވަރެއް ލިބޭތޯ އުޅޭތަން.
    ހަގީގީ މާނައިގަ ރައްޔިތުން ތަމްސީލުކުރާ ބަޔަކީ އެމް.އެން.ޕީ ކަން މި ސާފުވަނީ. ކުރިއަށް އެމް.އެން.ޕީ

  5. އަލީ

    ގުނބޯހައްދާ ވެރިކަން ކުރަން މިވަރެއްނޯންނާނެ ގަމާރީ ރައްޔިޔުން ސަރުކާރު އެއްވަނަ.