ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވޯޓު ދެއްވައިފިއެވެ.

އަބްދުލް މުހްސިންއަކީ މަޖިލިހުގައި ތިއްބަވާ މިނިވަން 17 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ.

އީވާ މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް 50 މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ. އަދި އެ މައްސަލަ މިއަދުގެ ވަގުތެއްގައި މަޖިލިހަށް ހުށަހެޅުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މައްސަލައިގައި އެމްޑީޕީގެ 49 މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފައެވެ. އެގޮތަށް ފާސް ކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ. މަޖިލިހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 55 އެވެ.

އީވާ މަޖިލިހުގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ މެއި 28، 2019 ގައެވެ. އެ މަގާމަށް އީވާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އަދި އީވާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަކަލި

    ކޮބާ އީވާ ރާކަނިމަސް ކެވިއްޖެތާ؟ ބޮޑުވަންވެގެން އުޅެންޏާވާނީ ތިހެން މިހާރު އަންނި ރައިސްކަމަށް ހޮވިފަ ހުންނާނީ.