އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނޫން ކަން "ވަގުތު" އަށް މިއަދު އެނގިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިލްޔާސްގެ ރަނިންމޭޓު އަދިވެސް ފައިނަލެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން މި ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައި ވަނީ އީވާއެވެ. އިލްޔާސް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ރަނިންމޭޓެއް ކަނޑައެޅުމަށް އިސްކަން ދޭނީ މެނިފެސްޓޯ ތަންފީޒު ކުރުމުގައި އެހީތެރިވާނެ ފަދަ ބޭފުޅަކަށެވެ.

އަދި އެއީ ރައްޔިތުން ބަލައިގަންނަ އިތުބާރު އޮންނަ ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިލްޔާސްގެ ރަނިންމޭޓު އަދި ފައިނަލް ނުވާ އިރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ރަނިންމޭޓުން އަންނަނީ ކަނޑައަޅަމުންނެވެ. އެންމެ ފުރަތަމަ ރަނިންމޭޓަކު ކަނޑައެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ރަނިންމޭޓަކަށް ކަނޑައެޅުއްވީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީއާ މެދުގައި ސުވާލު އުފެދިފައިވާ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.

އޭގެ ފަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖެއްސީ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާފައި ވަނީ އައްޑޫ ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރުއެވެ. މިފަހަރު ކެންޑިޑޭޓުންގެ ރަނިންމޭޓު ކަމަށް ގިނަ އިން ހަމަޖައްސަނީ އައްޑޫ ބޭފުޅުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓު އަދި ފައިނަލްކޮށްފައެއް ނުވެއެވެ. އެކަމަކު، ގާސިމް ވެސް މަސައްކަތް ކުރައްވަނީ ރަނިންމޭޓަކަށް އައްޑޫ ބޭފުޅަކު ހަމަޖައްސަން ކަން އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިއަރު

    ހޫ ކެއާރސް. މި އިންތިހާބަށްފަހު މި މީހުންގެ ތާއިދެއް ނެއްކަން ސާބިތުވެދާނެ. އޭރުން އެމް އާރ އެމް ހެން ގޮސް އުވިދާނެ

    23
    5
  2. ބުރުގާ

    އައްޗީޑި ދެން. އޯއައް...

    18
    3
  3. Anonymous

    ލާދީނީ ދަޑިކޮހުންނަށް މި އިންތިޚާބުގައި އެއްކަމެއް ވެސް ނުކުރެވޭނެ.

    22
    3
  4. ނަމަސްތޭ

    އެއްވެސް އިންޓްރެސްޓެއްނެތް . . . ކަލޭމެންގެ އޮތީ އެއްމެ މަގްސަދެއް . . އެމްޑީ ޕީ އަށް ވޯޓު މަދުކުރުން . . . އެހެންނޫނަސް އިލްޔާސްގެ ނޯނނާނެ އެއްވެސްބާރެއް . .ރިމޯރޓް އޮށްނާނީ އަށްނި އަތުގަ . . އޭނާގެ މަގްސަދު އެއްމެންނަށްވެސް އިނގޭނެ

  5. ހިކި ކިރު

    ސޭޓު ޖީ އޯކޭވާނެ.