މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕަކުން، ވަދެ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

އޭނާ ހޯދަން އިއްޔެ ފުލުހުން އިއުލާނު ކުރިއިރު، ރޭގެ ވަގުތެއްގައި އޭނާ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޯދަމުން ދަނީ މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު