މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ކަފުންކޮށް ވަޅުލާނަމަ އެކަން ކުށްވެރި ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހް ވިދާޅުވެއްޖެއެވެ.

ޝާހް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ނުހަނު އަގުހުރި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އަސްލު ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ކުރިމަގަށް އެންމެ ރަނގަޅު ތަޖުރިބާއެއް ހިއްސާ ކުރެވޭނެ މި ޖީލުގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ ސިޔާސީ ގޮތުން ކަފުންކޮށް ވަޅުލާނަމަ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި އެމްރާއާރްއެމް އުވާލަން އީސީން ވަނީ އިއްޔެ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2،981 މެމްބަރުންނެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސް ވެސް ދިނެވެ.

އީސީން ބުނީ، މެންބަރުން ހަމަކުރުމަށް އެ ޕާޓީއަށް ދިން ތިން މަސްދުވަހުގެ މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާތީ އެ ޕާޓީ އުވާލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެ ޕާޓީއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށްފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ދެން ފަށާނީ ޕާޓީ އުވާލުމުގެ މަސައްކަތެވެ.

އެމްއާރްއެމް އުފެދިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބި އެމަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫން އާއި ޖެހުނު މައްސަލައެއްގައެވެ. މިގޮތުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް މެންބަރުންނާއެކު ޕާޓީ ދޫކޮށްލައްވާ އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އއ

    އެއްޗެކޭ ކިޔަނީ . ދެން ކިހިނެއްހަދާނީ ؟؟

  2. ދީމުގުރާތުސް

    ޝާހުއަކީ ރިލަވެންޓު މީހެއްނޫން. ސިޔާސީ މާބޮޑު އުރަތްޕެއް ހުރިހެނެއް ހިޔެއްނުވޭ! އައުޓްޑޭޓަޑް ޕޮލިޓީޝަނެއް. ފުވައްމުލަކުގައިވެސް ތާއީދެއްނެތް.

  3. ރާބޮނދި

    ބަލަގަ ކަލެއައް ނޭންގޭތަ ސިޔާސީޕާޓީގެ ނަމުގަ ގްރޫޕް ނުހިންގޭނެކަން އަނެއްކާ އެބުނަނީ އުވާލުމުގެ ކުރިން އެންގިކަމައް ޢަދަދު ހަމަކުރަން ނުވީމަދޯ އުވާލީ އެހެންނޫންނަސް މިއޮއްހުރިހާދުވަހު ތިޔަޕާޓީން ސިޔާސީ ޕާޓީއެއްގެގޮތުގަ ހިންގިހަރަކާތެއް ނެތް ކޮއޮލިޝަންހަދައިގެންތިބީ ސިޔާސީޕާޓީއަކީ ވަކިބޭނުމެއްގަ އުފައްދާ އެއްޗެއް ޖަވާބުދާރީކުރުވަން