މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕޭން ލޯންޗު ކުރުން މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީން ބުނީ މި ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ކުރިމަތިލެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައެވެ.

އެމްއެންޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީ އަށް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓު ދޭން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އާންމު މެމްބަރުންގެ މެދުގައި ވޯޓެއް ވެސް ނަގާކަށް ނުޖެހޭނެއެވެ.

ނާޒިމް ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ފަރާތްތަކާ އަޅާ ބަލާއިރު އޭނާ އަކީ ރައްޔިތުންނަށް ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށެވެ.

އަދި އެ ޗޮއިސް ރައްޔިތުން އިހުތިޔާރުކޮށްފި ނަމަ ސާބިތުކަމާއެކު ރައްޔިތުން އެދޭ ކަންކަން ހާސިކުރުމުގައި ދެމި ހުންނަވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.