ރ. ފުއްގިރި މައްސަލައިގައި އިދާރާތަކުން ކުރިއަށް ގެންދިޔަ ތަހްގީގުތަކުގެ ހުރިހާ ފައިލެއް އެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިދިިޔަ ހަފްތާގައި ނެރެފައިވާ ބުނެފައިވަނީ މައްސަލައިގެ ތަހުޤީގު ފައިލްތައް ހޯދުމަށް ދިފާއުން އެދިއްޖެނަމަ ދައުލަތުން އެ މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށް އަމުރު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އެފަދަ އަމުރަކަށް އެދުމުމުންނެވެ.

ސުޕްރީމް ކޯޓުގެ ގަޟިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކުރާ އުސޫލަކުން، ޤާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ޙައްޤުވެސް ދިފާއަށް ލިބިދޭ ކަމަށެވެ. އޭގެ ތެރޭގައި ތަހުގީީގީ އިދާރާތަކުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގްވެސް ހިމެނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދެވުނު އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ކުރެއްވި އަމުރުގައި ބުނެފައިވަނީ ދިފާއީ ޓީމުން ބޭނުންވާ ފައިލްތައް ދޫކޮށްދިނުމަށާއި ފަސްދުވަހުގެތެރޭ ތަހުގީގު ފައިލްތައް ހޯދައި ކޯޓަށާއި ދިފާއަށް ހިއްސާކުރަން ވާނެ ކަމަށެވެ.

ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 82 ހެކި ވަނީ ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ވުމާއެކު، ރައީސް ޔާމީންގެ ދިފާއު ބިނާކުރުމާއި ހެއްކާގުޅޭ ކަންތައްތައް ވަޒަންކުރުމަށްޓަކައި ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން އެ ފައިލްގައިވާ ލިއުންތައް ދިފާއުން ބަލަން ބޭނުންވާކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ގަޟިއްޔާގައި، ހެކި ހާމަކުރަން އެދޭ ޙާލަތުގައި ދައުލަތަށް އެޒިންމާ އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ގޮތުގައި ހުށައެޅުމުންކަމަށާއި، ޝަރީއަތުގެ މަރުޙަލާގައި ޝަރީޢަތުގެ ކުރީގެ މަރުޙަލާއަށް އަލުން ރުޖޫއަވެވެން ނޯންނާނެކަމަށެވެ.

ނަމަވެސް ފަނޑިޔާރު ޢަލީ ނަދީމް މިއަދު ވިދާޅުވީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ބ ގެ ދަށުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާއަށް އެކަނި ޤައިދުވެފައިވާ ކަމެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީވެސް ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނު ފަހުން އައި ނިންމުމެއްކަން ޤާޟީ ފާހަގަކުރެއްވިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރެއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދައުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޟީ

    ސޯލިބޭ އައް ޔާމީން ނޫންމީހަކު ބަންދެއް ނުކުރެވުނު 200 މީހުން ތިބިއިރު ހެއްވާދޯ