ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ޗާގޯސްއާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް (އިޓްލޮސް) އިން ނިންމުން އިސްތިއުނާފް ކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލްއިން ފާސްކޮށްފިއެވެ.

ކައުންސިލްއިން އެެގޮތަށް ފާސްކުރީ މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކައުންސިލް ބައްދަލުވުމުގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފްކުރަން ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިންއެވެ. ގަރާރަށް ތާއީދުކުރެއްވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުން.

އަލީ ހުސެއިން ހުށަހެޅުއްވި ގަރާރުގައި ވަނީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލިގެންދާ ކަމަށެވެ.

އަދި އިޓްލޮސްއިން އެފަދަ ނިންމުމެއް ނިންމުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީ މުހިންމު ދައުރެއް އަދާ ކޮށްފައިވާކަން ވެސް އެނގޭ ކަމަށް ގަރާރުގައިވެއެވެ. އެހެންކަމުން އެ ސިޓީ ހާމަކުރަން ވެސް ގޮވާލައި އެ މައްސަލަ ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބެލުމަށް ވެސް ގޮވާލައިފައި ވެއެވެ.

އެ ގަރާރުގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ވެއްޖެނަމަ ރާއްޖެ އާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ގާނޫނީ މާހިރުންގެ އެހީތެރިކަމުގައި އެ މައްސަލަ އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުން.
  • އަދި އެއަށް ފަހު އެ މައްސަލަ އިސްތިއުނާފްކޮށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

    ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ހިތްހަމަނުޖެހިފައެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

    ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެ ތަން އިތުރު ބަޔަކަށް ދިނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.

    ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެހެސް

    އަޖައިބެއްނުން ޖޭޕީ އަކަށް ވެރިކަމަށް އާދެވުމަކީ ހުވަފެނެކޭ…ބެއްޔާގެ މޫނުމައްޗަށް ފެންތައްޓެއް ޖަހާބަ ކޮންމެވެސް މީހަކު ހުވަފެނުން ނުހޭލެވިގެން އެއުޅެނީ

  2. ލަކީ

    ޙެހެ މޮޔަ ގޮވަނީ ހަމަ ތިމައްސަލަ އިސްތިއުނާފު ކުރާނީ ރާއްޖޭގެ ހައި ކޯޓަށް ދެން ރާއްޖޭގެ ހައިކޯޓުން ހުކުމް ކުރުވާނީ ޗާގޯސް ނަގަން ދެން އަހުމެން ދާނީ ކޯޓު އަމުރު ހިފައިގެން ޗާގޯސް އާ ހަވާލު ވާން މިވަރުގެ ކުޑަކަމެއް މީ މާބޮޑު ކޮއްލާއިގެން ޖޭޕީން ހަމަ ޔަގީންކަމެއް މީ ގޮސް ޗާގޯސް އާ ހަވާލުވާނެކަން. ޙެހެ

  3. އަލީ

    "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ." މިކަން މިހެން އޮއްވާ އަލީ ހުސޭނު ކަހަލަ ވަކީލުކަން ކިޔަވައިގެން ހުރި މީހަކު މިގޮތަށް ބުނުމުން އެނގެނީ މިއެންމެންގެވެސް ބޭނުމަކީ ފިތުނަ އުފައްދައިގެން ނަމަވެސް ވެރިކަން ހޯދުންކަން

  4. އިލްޚާމް

    ތިކަންތައްވާނީ ތަންކޮޅެއް ވަރުގަދަ ސަރުކާރެ އޮވެގެން

  5. ނާޣު

    ވަކިބަޔަކު ބުނާ ވާހަކައެކޭ ލިއުމުގެ ބަދަލުގައި މިއާޓިކަލް ލިޔުއްވި ނޫސްވެރިޔާ؛ މިރާއްޖޭގެ ޤާނޫނު އަސާސީގައި 200 މޭލު ކަމަށް ލިޔެފައިވޭތޯ؛ އޮތްކަން ނުވަތަ ނެތްކަން ކިޔުންތެރިންނަށް ސާފުކޮށް ދެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެން.