ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ 157 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ރިޔާސަތު ބެލެހެއްޓެވި ގާސިމް ވިދާޅުވީ މި ސަރުކާރާއެކު ޖޭޕީ އާއި އެހެން ޕާޓީތަކުން ކޯލިޝަން އެއްބަސްވުން ސޮއިކުރީ އެއްބަސްވުން ހެދީ މައިގަނޑު ވަކި ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ.

އޭގެ ތެރޭގައި އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާއި ގައުމިއްޔަތާއި އަދި ގައުމީ ވަންތަކަން އެ އެއްބަސްވުމުގައި ހިމެނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން އެއިން އެއްވެސް ކަމަކާ މެދު ގޮތެއް ނިންމަންޖެހޭނީ ކޯލިޝަން ޕާޓިތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް އެ މަޝްވަރާއާ އެއްގޮތަށާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތަންދޭ ގޮތުން ކަމަށް ވެސް އެއްބަސްވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއާ ހިލާފުވީ ހިނދު، އެކަން އެ އެއްބަސްވުން ނިންމާފައިވަނީ އަޅުގަނޑުމެންގެ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްގެން. އެހެންކަމަށްވީ އިރު އެކަމާ އަޅުގަނޑު ނުޖެހޭ އިތުރު ގޮތަކަށް ނިންމާކަށް. އިިތުރު އެހުމެއް އަހާކަށް." ގާސިމް ވިދާޅުވިއެވެެ.

ގާސިމް ވިދާޅުވީ ބަޔަކު ނުވަތަ މީހަކު ގޯހެއް ހެދިޔަސް އެ ގޯހުގައި ބައިވެރިވާން ނުޖެހޭ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުން ބޭއްވީ މިކަމުގެ ހުރި ނުތަނަވަސްކަން ރައްޔިތުންނަށް ސާފުކޮށް ދިނުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދަރަނި ބޮޑުވެ، އިގްތިސާދު ދަނީ ހީނަރުވަމުން"

"އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ކުރަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން." ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދު ދަނީ ވަރަށް ބޮޑަށް ހީނަރުވަމުންނެވެ. ދައުލަތުގެ ދަރަނި އިންތިހާ ދަރަޖަ އަށް ބޮޑުވެފައިވާ އިރު، އެކަމުގެ ހެއްކަކީ ނަގަމުން އަންނަ ޓެކްސްތައް ބޮޑު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި ދައުލަތަށް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައި އަމިއްލަ ފަރުދުންނަށާއި އަދި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދަން ޖެހޭ އެތައް ގިނަ ގުނަ މަސައްކަތްތަކެއް ދައުލަތުން ވެސް ކުރައްވަމުން އެބަގެންދަވާ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބަލިވެގެން އާސަންދަ އާއި އެންސްޕާގެ އެހީ ލިބުނު ކަމުގައި ވިޔަސް، އެއީ އާންމު ރައްޔިތުން އެންމެ ހިތްހަމަޖެހޭ ވަރެއް ނޫނެވެ. އެހެންވެ، އަދިވެސް ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ނާންނަ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާ އަށް ދައުލަތުން ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އެކަން ވެސް ރައްޔިތުން އެންމެ ބޭނުންވާ ވަރަށް ނުކުރެވި ދަނީ ކޮންމެވެސް ސަބަބަކާ ހުރެ ކަމަށް ވިދާޅުވިއެވެ.

އެހެންވެ، އިގްތިސާދު ރަނގަޅަށް ދަމަހައްޓައި ހިފެހެއްޓޭނެ ގޮތަކަށާއި ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި މަސައްކަތް ކުރާ ބައެއް ކަމަށް ދައްކުވައިދީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓުމަށް ލާމަސީލް މިސާލެއް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ހިތްހަމަނުޖެހިފައެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެ ތަން އިތުރު ބަޔަކަށް ދިނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަރީ

    އަގަނުގަޅުއްވާ.. ކަންނިމެންދެން ބަލަހައްޓައިގެން ކަލޭއާއި ކަލޭގެ ޕާޓީއޮތީ. ތިއި ރާއްޖެއަށް ގެއްލުންދިން ކޯލިޝަން ޕާޓްނަރެއް.

  2. Anonymous

    ކަލެޔަށް ތިކަން ވިސްނުނީތީ. 1 ވޯޓް ދީފާނަން. އެކަމަމު ކަލޭ ރައީސް ކަމަށް ހޮވޭވަރަށް ވޯޓެއް ނުލިބޭނެ.

  3. އއ

    ކަލެއައް ބަދަލުދިނީ ރަނގަޅައް؟؟؟ އަދިވެސް ކަނީ... މުޅި 5 އަހަރު ލޫޓުވުމުގަ އުޅެފަ މިހާރު ދަޅަދައްކަން އެއްޗެކޭ ކިޔާ ޚާއިނުން.. މައުމޫނު ގާސިމް ނާޒިމް 000000 ގެމީހުން...

  4. ޙޭބަލި

    ކީއްވެތަ އެކަކުވެސް މަލިކު ވާހަކަ ނުދައްކަނީ

  5. Anonymous

    ސޭޓާއެވެ! ކަލޭ ނޫޓު ޖަހަން ގެންގުޅޭ ވިލާ ކޮލެޖުން ކަންކުރަނީ އެމްކިއުއޭއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހެއްޔެވެ؟ ވިލާ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން އެތިބީ ކަލޭ މިގައުމުގެ ވެރިކަމަށް އަޔަނުދޭން ގަދަފައި ވިއްދާފައެވެ. މުވައްޒަފުންނަށް މުސާރަނުދީ އުޅެވޭނީ ވަކި ވަރަކަށެވެ. ދަރިވަރުންގެ އަތުން ބޮޑު ފީ އަބަދަކު ނުނެގޭނެއެވެ. އެހެން ތަންތަނަށް ސާޅީސް ހާސް ރުފިޔާ ދީގެން ކިޔެވޭ ކޯހަކަށް ވިލާ ކޮލެޖުން އެތައް ލައްކަ ރުފިޔާ ނަގައިގެން މުވައްޒަފުންނަށް މުސާރައެއް ނުދެއެވެ. ސޭޓާއެވެ! ކަލެއަށް ވެސް އަބަދަކު ތިހެން ނޫޅެވޭނެއެވެ. މުޅި ގައުމު ކައްވާލައިގެން ކަލޭ އުޅޭތާ ލައްކަ ދުވަސް ވެއްޖެތާއެވެ. ﷲގެ ވާގިފުޅާއެކު، މިފަހަރު ކަލޭ އިންތިޚާބުން ފެއިލްވުމަކީ މުޅި ގައުމަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

  6. Anonymous

    ދިވެހިގައުމު އަޅުވެތިކޮއް ބައިތުލްމާލު ހުސްކޮ ކަޑުންބައެއް ވއްކާ ކަލެއައް ބައި އެޅީ ކަލޭބައވެރިވެގެން

  7. ގާސިމް

    މަހޮވައިދެއު. ކަނޑަ ހޯދައިދޭށުން