ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ނައީމާގެ މަރާ ގުޅިގެން 21 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވާ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒު ހައްޔަރުކުރީ އިއްޔެ މާލެއިން އެވެ. އޭނާގެ އިތުރުން އިތުރު ދެ މީހަކު ފުލުހުން ވަނީ މަނަދޫން ހައްޔަރުކޮށްފަ އެވެ.

ފަވާޒުގެ ބަންދު 30 ދުވަހަށް ދަންމާލަން ކްރިމިނިނަލް ކޯޓުން މިހާރު ވަނީ މުއްދަތު ޖަހައިދީފަ އެވެ.

ފަވާޒަކީ ނައީމާ މަރާލުމުގައި އުޅުނު މީހުން ދުއްވި ކާރުގެ ވެރި މީހާއެވެ.

ނަމަވެސް ނައީމާގެ މަރަށް ފަހު، މަނަދު އަށް އުފަން ފަވާޒު އުޅެފައި ވަނީ މާލޭގައެވެ.

ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް މީގެ ކުރިން މަނަދޫން ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ ނައީމާ މަރާލި ކަަމަށް ކޯޓުގައި އެއްބަސްވެފައެވެ.

ނައީމާ މަރާލި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ އިރު، ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ފުލުހުން ވަނީ ހޯދައިފައެވެ. އެ ތަކެތި ހޯދީ މަނަދޫގައި ވަޅުލާފައި ހުއްޓައެވެ.

އޭޕްރީލް ހަތް ވަނަ ދުވަހު ނައީމާގެ ހަށިގަނޑު އޭނާ ދިރިއުޅޭ ގޭތެރެއިން ފެނުނު އިރު، ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އޭނާ ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން، ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ.

މަނަދޫގައި މީގެކުރިން މިހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައެއް ނުވެއެވެ.