ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އެ ހޮސްޕިޓަލުން ބަލަހައްޓަމުންދާ ސިއްހީ މަރުކަޒުތަކަށް ދާއިމީކޮށް މަސައްކަތް ކުރާނެ 17 ނަރުހުން ބޭނުންވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަތުގައި މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިންގް ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮންނަށްވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ ނަރުހުންގެ އަސާސީ މުސާރައަކީ 11,428 ރުފިޔާ ކަމަށާއި މަގާމުގެ އެލަވެންސްގެ ގޮތުގައި 5333 ރުފިޔާ ނަރުހުންނަށް ލިބޭނެ ކަމަށެވެ. އަދި ހާޒިރީ އެލަވެންސްގެ ގޮތުގައި 144 ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ވަނީ ހަތް މެޑަކަލް އޮފިސަރުންނާއި 12 ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަނުން ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.

މެޑިކަލް އޮފިސަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އެ ހޮސްޕިޓަލުން ބަލަހައްޓަމުންދާ ސިއްހީ މަރުކަޒުތަކުގައި ކަމަށާއި ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަނުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަމަށް އޭގައިވެއެވެ.

މެޑިކަލް އޮފިސަރަކަށް 18،129 ރުފިޔާ މޫސަރައިގެ ގޮތުގައި ލިބޭނެ ކަމަށާއި 10،382 ރުފިޔާ އެލަވެންސްއެއްގެ ގޮތުގައި ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި 281 ރުފިޔާ ހާޒިރީ އެލަވެންސްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަކަށް މުސާރައިގެ ގޮތުގައި 26,231 ރުފިޔާ، އެލަވެންސްގެ ގޮތުގައި 15,023 ރުފިޔާ، ހާޒިރީ އެލަވްނެސްގެ ގޮތުގައި 407 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ 2:00 ގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ހުރިހާ ލިޔެކިއުންތައް މެއިލް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސީ

    ވަގުތު ޖެހެނީ

  2. ދާއޫދު

    ކީކުރާ ނަރުހުންނެއް! މަދު މުޥައްޒަފުންވިޔަސް ޚިދުމަތް ރަނގަޅަށް ދޭނަމަ ހޮސްޕިޓަލްތައް ކުރިއަށް ދާނެ!