ރ. ނަރުދޫ ބަނދަރުގެ މަސައްކަތުގެ ދަށުން ބަނދަރު ފުން ކުރުމުގެ 23 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.

އަދި އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 23 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 41.34 މިލިއަން ރުފިޔާއެވެ.