ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އިނާޔަތްތައް ބޮޑުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އޭނާގެ މަޖިލިސް ދައުރުގައި ހުށަހެޅި ބިލަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކުރިން ނުކުޅެދޭ މީހުންނަށް ދެމުން އައި 2000 ރުފިޔާގެ އެލެވަންސް ބޮޑުކޮށް އެކަމުގެ ތަފްސީލު ރޭ ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.

އެކަމާ ގުޅިގެން އަނާރާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެލަވަންސް ބޮޑުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މަރުހަބާ އާއި ޝުކުރު ދަންނަވަން. މިއީ 2014 ވަނަ އަހަރު އަޅުގަނޑު މަޖިލިހަށް ހުށަހެޅި ބިލަށް ލިބުނު ކުރިއެރުމެއް. الحمدلله" އަނާރާގެ ޓުވީޓުގައި ވެއެވެ.

ދައުލަތުން ކޮންމެ މަހަކު ވެސް މާލީ އެހީ ދެމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މިއީ މީގެ 13 އަހަރު ކުރިން ފެށިގެން ދޭން ފެށި އެލަވަންސަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އަލަށް ސަރުކާރުން ކަނޑައެޅި އުސޫލުގެ ދަށުން މިހާރު ދެމުން އަންނަ 2000ރ. ގެ އިތުރުން 1000ރ.ގެ އެލަވެންސެއް އެންމެންނަށް ދޭން ރައީސް ސޯލިހް ވަނީ ނިންމަވައިފައެވެ. އަދި 3،000ރ. ގެ އެލަވަންސް ލިބޭނީ ވަކި އުސޫލުތަކެއް ފުރިހަމަވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަންޏެވެ.

ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ މީހުންނަށް އިތުރު 2،000ރ. ލިބޭނެއެވެ. ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި- ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000ރ. ލިބޭނެއެވެ. އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ. ލިބޭނެއެވެ. އެކަމަކު، މި އިނާޔަތް ލިބިގެންދާނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުއްދޫސް

    ޖެހިގެން ހުރިގެ 10ބުރިއަށް ހެދުމަކީ 2014 ވަނައަހަރު އަހަރުމެންގޭގަ އެޅި ބިންގަލަށް ލިބުނު ކުރިއެރުމެއް…..

  2. ާނާރާ

    ކަލޭ ތީ މިހާރު އާމުންގެ މީހެށް