ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާލު މޫސުން މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ މިރޭ 2200 ގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުއްޓާ ދިމާ ބޭރު މޫދު ސަރަހައްދުގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއްހާއިރަށް ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިރޭ ހަވާ އަރުވަނީ ޕްރައިވެޓް އިވެންޓަކަށް ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ނުދެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހަވާ އަރުވަނީ ކައިވެނި ޕާޓީއެއްގައެވެ.

ސިފްކޯ އިން ގެންދަނީ ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުގެ އިވެންޓްތަކަށް ވެސް ހަވާ އެރުވުމުގެ ކަންކަން ވިޔަފާރި އުސޫލުން ކޮށްދެމުންނެވެ. މާލެ ސަރަހައްދުގައި ހަވާ އަރުވާނަމަ ސިފްކޯ އިން އެކަން ކުރީބައިގައި އިއުލާން ކުރެއެވެ.

ސިފްކޯ އިން "ވަގުތު"އާ ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދޭ އަގަކީ މިނެޓަކަށް 1،000 ޑޮލަރެވެ. ރަށްރަށް ގެސްޓްހައުސްތަކަށް ކަނޑައާޅާފައި ވާ އަގަކީ މިނެޓަކަށް 1،500 ޑޮލަރެވެ. އަދި ރިސޯޓްތަކުގެ އަގަކީ މިނެޓަކަށް 3،000 ޑޮލަރެވެ.

މާލެ ސަރަހައްދުގައި ފަހަކަށް އައިސް ވަރަށް ގިނައިން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވައެވެ. މާލޭގައި ހަވާ އަރުވާނަމަ ހަވާ ބަލަން ގިނަ ބަޔަކު ޖަމާވެ، މާލެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބާރު ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މި ހަބަރު ލިޔުނު ކުއްޖާއަށް ހާމަ ނުކުރާ މައުލޫމާތު އެނގުނު އިރު، މިއަދު މިގައުމުގެ ޑޮލަރ ރޭޓް ނޭގުނީބާ ނޫނީ އިހްލާސްތެރިކަން ނެތީބާ..

  2. ސާބަސް

    މިނެޓަކަށް 15000 ތީ ފުކެއްބޮޑުވަރެއް ފައިސާއަށް ބޫތުކައިފަ، ހަވާ އެއް ލިބޭ 10 ރުފިޔާއަށް