އީދު ދުވަހާއި ގުޅިގެން "އުފާވެރި ޒުވާނާ"ގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މާދަމާ ހުޅުމާލޭގައި އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީ އިން ބުނީ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ H78 ހޮޓެލް ކުރިމަތީ ބީޗުގައި މާދަމާ ހެނދުނު 9:00 އިން 12:00 އަށް ކަމަށެވެ.

މި އިވެންޓުގައި މޫދު ކުޅިވަރުގެ އިތުރުން އީދު ސައި، ކުލަޖެހުން އަދި ބޮޑުބެރުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެމްއެންޕީއިން ބުނެއެވެ.

މޫދު ކުޅިވަރުގެ ތެރޭގައި ގިނަ ކުޅުވަރުތައް ހިމެނޭއިރު، އެމްއެންޕީ އިން ބުނީ، އެހުރިހާ ކުޅިވަރުތަކުގައި ވެސް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ޖެޓްސްކީ ދުއްވުން ވެސް ހިމެނެއެވެ.

"މިއީ ހުރިހާ އުމުރު ފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ އިވެންޓެއް. މި އިވެންޓަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށްޓަކައި އެމްއެންޕީ އިން ބާއްވާ އިވެންޓެއް" އެމްއެންޕީ އިން މައުލޫމާތު ދިނެއެވެ.

އެމްއެންޕީ އިން ވަނީ މި އިވެންޓްގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އީދާއި ގުޅިގެން އެމްއެންޕީ އިން މިފަދަ އިވެންޓެއް އިންތިޒާމު ކޮށްފައިވާއިރު، މީގެ ކުރިން ވެސް ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހި ކުރުމަށް އެޕާޓީން ވަނީ ޕީއެސް މުބާރާތެއް ވެސް ބާއްވާފައެވެ.