މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖާޖީން އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ. ދެންހުރި ފުރުސަތުތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ހައްޖުވެރިން އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށެވެ. އެގޮތުން ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަ ފްލައިޓެއްގައެވެ.

އެންމެ ފުރަތަމަ ދެފްލައިޓް އޮތީ ޖުލައި ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެވެ. ތިން ވަނަ ފްލައިޓުން ޖުލައި ދިހަ ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ގްރޫޕެކެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހައްޖުވެރިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.