ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ އެކު، ގިނަ ބަޔަކު އުފައްދާ ސުވާލަކީ ސިޔާސީ މަސްރަހުގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ މިހާރު ހުންނެވި ފަޅިއަކާ މެދުގައެވެ.

މިއަދާ ޖެހެން ދެން ރައީސް ސޯލިހްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް ޝިހާބަކީ ވަރަށް "ސައިލެންޓް" ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރު ޕްރޮމޯޓްކޮށް ދިފާއު ކުރެއްވުމުގައި އުޅުއްވި ނަމަވެސް ރައީސް ސޯލިހާއި ސަރުކާރު ދިފާއު ކުރެއްވުމުގައި ޝިހާބް އުޅުއްވި ތަނެއް ނުފެނެއެވެ.

ޝިހާބް އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގައެވެ.

ރައީސް ސޯލިހްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް އޭރު ބެލެވިފައި އޮތް ގޮތުން ޝިހާބަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.

ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ، މިނިވަންވެވަޑައިގަތުމާ އެކު، ބައެއް ރަށް ރަށަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދާ އެކު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ތަންކޮޅެއް ފަހުން މިދިޔަ މާޗް މަހު، "ފިކުރެއްގެ ދިރުން" ނަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތެއް ހިންގެވި ދުވަސްކޮޅުގައި ޝިހާބާއި ނަޝީދުގެ އަރިސް ބޭފުޅުންގެ ޓީމެއް ސަން އައިލެންޑަށް ވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވިއެވެ. އެހެންވެ، މިއަދާ ހަމައަށް ވެސް ބެލެވިފައި އޮތީ ޝިހާބަކީ ނަޝީދަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ.

އެކަމަކު، އެމްޑީޕީގެ ޕްރައިމަރީގައި ޝިހާބް ހުންނެވީ ވެސް ވަކިކޮޅެއް ނުނަންގަވައެވެ.

ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަމާއި ނަޝީދުގެ އެޑްވައިޒަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި މާލޭގެ މޭޔަރު ކަން ވެސް ކުރެއްވި ޝިހާބް އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނަޝީދު ނުކުންނަވައިފި ނަމަ، އެމަނިކުފާނަށް ތާއީދު ކުރައްވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.

އެކަމަކު، މައުލޫމާތު އެނގޭ ބައެއް މީހުން "ވަގުތަށް" ކިޔައި ދިން ގޮތުގައި ޝިހާބް ހުންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ކުރައްވަން ނިންމަވައިގެންނެވެ. އަދި އެކަން މީޑިއާގައި ހާމަކުރައްވަން ޝިހާބު ބޭނުން ނުވާ ކަމަށް ވެސް އެ މީހުން ކިޔައި ދިނެވެ.

ޝިހާބަކީ ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ކުރިން ޖޭޕީގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ޝިހާބަކީ ގާސިމަށް ވަރަށް ބޮޑަށް ވަފާތެރި އެއް ބޭފުޅެވެ.

މިކަމާ ގުޅިގެން ޝިހާބްގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ގާސިމު ނުހޮވޭނެކަން ޝިހާބަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ރައީސް ކަމަށް ގާސިމަށްވުރެ ޝިހާބު ވެސް މާބޮޑަށް ކަމުދާނެއެވެ.

    24
    1
  2. Anonymous

    ގާސިމަށް ރައީސްކަން ލިބިދާނެހެން ޝިހާބަށް ހީފުޅުވާނަމަ ވަރަށްދެރަވަރު!!

    19
  3. ޚިމް

    ޢެއްވެސް ތަޖުރިބާއެއް ހުރި މީހެް ނޫން

  4. ރެފްރީ

    ގާސިމުގެ ރަނިންމޭޓަކަށް ޝިހާބު.. ގޯހެެއްނޫންކަންނޭގެ.. ގާސިމުހޮވިއްޖެނަމަ ޝިހާބަށް ހުރިހާކަމެއްކުރުމުގެ އިޚްތިޔާރުދީފަ ގާސިމު ނަމެއްގަހުރީމަވެސްް އެންމެރަނގަޅު. އެކަމަކުވެސް ގާސި.ުހޮވިދާނެހެންހީނުވޭ ؟ އަޅެ ޓުރައިކޮށްލަމާ.. ؟

    2
    1
  5. ދިގުދިގު

    ދިގު މީހާ އިސްތިއުފާ ނުދޭތަ! ހީވަނީ ދެން އިވޭނީ އޭނާ އިސްތިއުފާ ދިން ވާހަކަހެން.

  6. އަލީ

    އިބޫއަށް ރައީސްކަން ނުލިބޭނެކަން ޔަޤީންވީމާ، އެދިޔައީ...ރަނގަޅު ނިންމުމެއް !

  7. ގަލަން

    ގާސިމް ރުފިޔާކޮޚެއް ހަމަޖެއްސީ ކަމައްވާނީ. ޝިހާބަކީ އަންނީގެ މީހެއް އެކަމު ގާސިމައް ރާއިދު ބޭރުފުން ކުރިޔަސް އަންނި ހުންނަގޮތަކައް ލެނބޭނީި

  8. ޖަނާޒާ

    ސިހާބު މެން މިހާރު ބާދަނގަޑަށް ސިޔާސީގޮތުން ކިރަންވީ. މިގައުމު ދިޔަފަދަ ދިއުޅި ެެދަމާ އަނބުރަން މިހާރު ބޭނުމެއް ނުވޭ. ވ ސަލާމް

  9. ޖަނާޒާ

    ސިހާބު މެން މިހާރު ބާދަނގަޑަށް ސިޔާސީގޮތުން ކިރަންވީ. މިގައުމު ދިޔަފަދަ ދިއުޅި ެެދަމާ އަނބުރަން މިހާރު ބޭނުމެއް