ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ދޯންޏެއްގައި 61 ކިލޯ ޑުރަގު އެތެރެ ކުރަން އުޅެނިކޮށް 2020 ވަނަ އަހަރު އަތުލައިގެން މީހުންގެ ތެރެއިން ދެމީހަކު ފުލުހުންގެ ތަހްގީގުގައި އެމީހުން ގެންގުޅުނު ފޯނު ހުޅުވައިދޭން އިންކާރު ކުރި ނަމަވެސް އެމީހުން ޖަލު އަދަބުން ސަލާމަތް ވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން، 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރިކަމަށް ފުލުހުން ތުހުމަތު ކުރާ މ.ބޮއިލިންފިޝް، އަހްމަދު ވިސާމް އާއި މއ.ވިރާހް، މުހައްމަދު ޝާމިން ވަނީ އެމީހުންގެ ފޯން ހުޅުވައި ދޭން އިންކާރު ކޮށްފައެވެ.

ފޯނު ހުޅުވަން އިންކާރު ކުރުމުން ދައުލަތުން އެމީހުންގެ މައްޗަށް އުފުލީ އަދުލް އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. ދެމީހުންގެ ފޯނު ހުޅުވަން ކޯޓުން އަމުރު ނެރުމުން ވެސް ފުލުހުންގެ ތަހްގީގުގައި ދެމީހުން ވެސް ބުނީ އެމީހުންގެ ފޯނުގެ ޕާސްވޯޑް ހަނދާނެއް ނެތް ކަމަށެވެ.

ފޯނުގެ ޕާސްވޯޑް ހަނދާނެއް ނެތް ކަމަށް ދެމީހުން ބުނި ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ މީހަކު ކޮންމެ ދުވަހަކު އެތަކެއް ފަހަރަކުގެ މަތިން ބޭނުން ކުރާ ފޯނެއްގެ ޕާސްވޯޑް ހަދާން ނެތްކަމަށް ބުނުމަކީ މަންތަގީ ގޮތުން ބަލައިގަތުން ދަތި ވާހަކައެއް ކަމަށެވެ. އަދި ދެމީހުން ވެސް ބޭނުން ކުރަނީ އައިފޯން ކަމަށްވާއިރު ދޭތެރެ ދޭތެރެއިން އަންނަ އައިފޯންގެ ސޮފްޓްވެއާ އަޕްޑޭޓްތަކަށް ފަހު ފޯނުން ހުޅުވޭނީ ވެސް ޕާސްވޯޑް ޖަހައިގެންކަން ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަހްމަދު ވިސާމް އާއި މުހައްމަދު ޝާމިންގެ މައްޗަށް ވެސް ދައުވާ ސާބިތުވާ ކަމަށެވެ. ނަމަވެސް މިމައްސަލައިގައި މުހައްމަދު ޝާމިން އެއްއަހަރާއި ހަތް މަހާއި ހަދުވަހު ޖަލު ބަންދުގައި ހުރެފައި ވާތީ ތަންފީޒު ކުރަން އޮތީ 11 މަހާއި 13 ދުވަހުގެ ޖަލު ހުކުމެކެވެ. އެހުކުމުގެ ތެރެއިން ހަމަސް ދުވަހުގެ ޖަލު ހުކުމް އެއްއަހަރު ދުވަހުގެ ގޭބަންދުގެ ހުކުމަކަށް އަދި ފަސް މަހާއި 13 ދުވަހުގެ ޖަލު ހުކުމް -/32600 ރުފިޔާގެ ޖޫރިމަނާއަކަށް ވަނީ ބަދަލު ކޮށްފައެވެ.

އަހްމަދު ވިސާމްގެ މިމައްސަލައިގައި ދެއަހަރާއި ހަތް މަސްދުވަހު ބަންދުގައި ހުރެފައި ވާތީ ބަންދުގައި ހުރި މުއްދަތު އަދަބުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭ ހުކުމެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

61 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    👏👏👏👏👏👏👏👏 މީ ޖާހިލުން ހަދާ ޤާނޫނު ތަކުން ނިކުންނާނެ ނަތީޖާ . ޤުރުއާންގަ ހިފާ . ޢެހެން ނޫނީ ސަލާމަތެއް ނެތް.

    14
  2. ރަން ރީނދޫ

    ކިލޯ ހަމަވަންޏާ ސާބިތެއް ނުވާނެ. 10 ކިލޯ އިން މަތިވެއްޖިއްޔާ ގައުމީ އިނާމު ލިބޭނެ ،ސީދާ ޗޯރު އިބްރާހިމްގެ އަތްބުޕުޅުން. ޝުކުރިއްޔާ އިމްރާން ،ޝުކުރިއްޔާ ޝަމީމް. ޝުކުރިއްޔާ ހިންނަވަރު ކުޑަ މޯދީ

    10
  3. ބާރަށް އަތްޖަހާ

    ކިހާ ސަޅި. ޑްރަގް ކޭސްތައް ނިމެނީ ބާރަށް އަތް ޖަހަން ޖެހޭ ގޮތަށް. ރިހާކުރު ފުޅި ވަގަށް ނަގާމީހާ، އެއީ އޭނާގެ އެފަދަ ފުރަތަމަ ކުށްކަމުގަވިޔަސް، އޭނާއަށް އެއްވެސް ލުޔެއް ނުދީ އަންނަނީ ފުލް ހުކުމް.

    12
  4. އަހުމަދު

    ހުކުމް އިއްވި ޤާޒީގެ ނަންވެސް ޖަހާލާ، އޭރުން އިނގޭނީ މިކަހަލަ އަދުލްވެރި ހުކުމް ކުރަނީ ކޮންބަޔެއްކަން

    14
    1
  5. ތިމަންނަ

    އަނގަހުޅުވޭނީ ދަތްޕިލަ ދުއްވާލައިގެން .. ޕާސްވާޑް ހަދާންވާނީ ......

  6. ރަދީފް

    މި ގައުމުގަ ކުރަންވި ކަމަކީ ޑްރަގް ވިޔަފާރި. އެއަށްވުރެ ފައިދާ ބޮޑު، ރައްކާތެރިކަން ލިބިފައިވާ ވިޔަފާރިއެއް ނެތް.

  7. އިއްބެ

    ސަރުކާރުން އެތެރެކުރާތަކެތި އެތެރެކުރިގޮތް ނުވެސް ބެލޭނެ! އެތެރެކޮށްދިންމީހުން ސާބިތެއްވެސް ނުކުރެވޭނެ! އެމީހުންނށް އަދަބުވެސް ނުދެވޭނެ! އަދަބުގެ ބަދަލުގައި ދޭނީ އިނާމު! މި 4 އަހަރު މިކަން ހިނގާފައިވަނީ މިގޮތަށް!

  8. ހުސޭނުބޭ

    މިހާރު ދެން ތިކަހަލަ މައްސަލަތައް ކޯޓުތަކަށް ވެއްދުމުގެ ބަދަލުގައި ތިއީ ޤައުމީ މަސައްކަތަކަށް ހެދިއްޔާ މާ ތާހިރުވާނެ! ޢަދުލުއިންސާފުގެ ނިޒާމު ދޯހަޅިވާނީ ތިވަރަށް

  9. ނާދިރާތަ

    އެ 2 މީހުންނާސް ހުޅުމާލެއިން ގޯތި ޔަޤީންވީ.

  10. ޢިންސާރފް

    ޖަލު އަދަބުން ސަލާމަތް ވީކަމަކަށް ނުބުނެވޭނެއެއްނު... އަދަބާ އެއްވަރަށް އެމީހުން ތިބީ ބަންދުގަ އަދަބު ކަނޑައެޅުމުގެ ކުރިން. ޝަރީއަތުގެ މަރުހަލާގައި އެމީހުން ބަންދުގައި ނުބައިތިއްބާ ދެން ހުކުމް ކޮށްފަ ދޫކޮށްލިނަމަ ދޯ ސަލާމަތްވީއޭ ބުނެވޭނީ.