ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދޭ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން އިތުރުކޮށްފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕާސްޕޯޓުގެ ހިދުމަތް ދޭ ވަގުތު އިތުރުކުރުމަށް އެ އިދާރާއިން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

  • އިމިގްރޭޝަނުން ބުނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ޕާސްޕޯޓުގެ ހިދުމަތް ދޭނެ ކަމަށެވެ. ނަމަވެސް އޮންލައިން އެޕްލިކޭޝަން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތަކަށް ވެސް އިމިގްރޭޝަނުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ޕާސްޕޯޓާއި ހަވާލުވެވޭނީ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 12:45 އިން ހަވީރު 5:00 އަށެވެ.

އިމިގްރޭޝަނުން ބުނީ އެ ގަޑިތަކުގައި ހިދުމަތް ލިބޭނީ ހަމައެކަނި މާލޭގައި ހުންނަ އެ އިދާރާގެ އޮފީހުން ކަމަށެވެ.

ހާއްސަކޮށް ބަންދުތަކާއި ދިމާކޮށް ދިވެހި ޕާސްޕޯޓް ހައްދާ މިންވަރު އިތުރުވެއެވެ. އެހެންކަމުން އިމިގްރޭޝަންގެ ހިދުމަތަށް ބުރޫތަކެއް އަރައެވެ.

ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ އެއް ޕާސްޕޯޓެވެ. އަދި ވިސާއާ ނުލައި ދިވެހީންނަށް 93 ގައުމަކަށް ދަތުރު ކުރެވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ތިން މަސްތެރޭގައި ވިސާއާ ނުލާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު 100 އަށް ހަދަން އަމާޒު ހިފައިފައިވާ ކަމަށެވެ.