ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ވަކިވެވަޑައިގެން އުފައްދަން މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީގެ ނަމާއި ލޯގޯ ފާސްކޮށްފިއެވެ.

އެ ޕާޓީގެ ނަމާއި ލޯގޯ އަދި ކުލަ ފާސްކޮށްފައިވަނީ މިރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައެވެ.

އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 481 މީހުންގެ އިއްތިފާގުން ނަމަކަށް ފާސްކޮށްފައިވަނީ ދަ ޑިމޮކްރެޓްސްއެވެ. އަދި ރަމްޒީ ނަމަކަށް ފާސްކޮށްފައިވަނީ ޑިމޮކްރެޓްސްއެވެ.

ޕާޓީގެ ކުލަތަކަކީ ބޭބީ ނޫ، ހުދު، ކަޅެވެ. މިކަންކަން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދިނީ 474 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ހަތް މެމްބަރުން ވޯޓު ދީފައި ވެއެވެ.

ދަ ޑިމޮކްރެޓްސްގެ ލޯގޯ

މިރޭގެ ޖަލްސާގައި 468 މެމްބަރުންގެ ވޯޓުން ޕާޓީގެ ދިދަ، ޕާޓީގެ ސިއްކަ، ޕާޓީގެ އޮފީސް ވެސް ފާސްކޮށްފައިވެއެވެ. ޕާޓީގެ އޮފީސް ހުންނާނީ ހެންވޭރު މައިޒާންދޮށުގޭގައި ކަމަށް ވަނީ ފާސްކޮށްފައެވެ.

ޑިމޮކްރެޓްސްއިން ބުނީ ޕާޓީގެ ލޯގޯއެއް ކަނޑައެޅުމަށް ބެލީ ރާއްޖޭގެ ގުދުރަތީ ވެއްޓާއި މާހައުލު ރަމްޒުކޮށްދޭނެ ނިޝާނަކަށް ކަމަށެވެ. ލޯގޯ ކަމުގައި ހިޔާރުކޮށްފައިވަނީ އިގެރޭސި ބަހުން ނަމަ އެސްޓްރިކްސްއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

އެ ލޯގޯއަކީ ދިވެހި ރުކާއި މުރަކައާއި އިރާއި މާމެލާމެލި ރަމްޒުކޮށްދޭ ކުރަހަން ފަސޭހަ އެކި ކަންކަމަށް ބޭނުން ކުރަން ފަސޭހަ މައުނަވީ ނިޝާނެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ޕާޓީގެ ކުލަ އިހްތިޔާރުވެގެން އައީ ތޮބިއްޔަތުން ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނަޝީދުގެ އަރިސް ބޭފުޅުން ފެއްޓެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ހިންގެވީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެކެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު، ނެރޭނެ ކެންޑިޑޭޓަކު ނުނިންމައެވެ. ޑިމޮކްރެޓްސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ދޫދީގެން ނަމަވެސް ކެންޑިޑޭޓަކަށް ތާއީދު ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަނޑި ޕާޓީ

    އަނހަ! ލޯގޯގައި ތިއޮތީ ތިން ދަނޑިކޮޅެއްނު. ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއް ނޭނގުނު.

    5
    3
    • Anonymous

      "ދަނޑި"ލޯގޯ.... ޕަކާސް

  2. Anonymous

    ޕޯޑިއަމްގަ އިން ލޯގޯ އަކާ ފާސްކުރި ލޯގޯއަކާ ދިމަލެއް ނުވެއެއް ނުން

  3. މަކަލޭލީ

    ލޯގޯ ނުބައި. ރަނގަޅު ކުރޭ

  4. نسيم

    ލޯގޯގަ ބުނާއެއްޗެއް ވަރައް ސާފު ލޯގޯ އިން އެބުނެދެނީ ވައިޖެހޭ އަތަކަށް އެނބުރޭނޭ

    8
    1
  5. ގުޑް

    އަހަރެމެން ސަޕޯޓަރުން އަދިވެސް ބޭނުން ކުރާނީ ރާއްޖެއާއި މިނިވަންކަމާއެކު އުދުހިފައިދާ ދޫނި ރަމްޒުކޮށްދޭ ލޯގޯ. މިއީ ފެޑެރަލް ޑީސެންޓްރަލައިޒް ކޮށް ހިނގާ ޕާޓީއެއް. އޭގެ އަސްލުއެކުވެ ފުރަތަމަ ބޭނުންކުރި ލޯގޯއާއެކު ޕާޓީގެ ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ އާ ލޯގޯ ވެސް ބޭނުންކުރާނަން.

  6. ސިމާ

    ލޯގޯއިން ރަމްޒުކޮއްދެނީ އިޒުރޭލުގެ ނިށާން.

  7. ސަރަގު

    ސިއްރު އެޖެންޑާއެއްގެ ތެރެއިން އިޒްރޭލަށް ވާގިވެރިވެ ހިތްވަރުދޭ ބަޔަކު ފާޅުގައި ރާއްޖޭގައިވެސް އުފަންވީކަން ލޯގޯއިން އެގިއްޖެ.

  8. މުރަކަ

    ލޯގޯއިން ރަމްޒް ކޮއްދެނީ ބޮޑުސޮލީބު

  9. ހުސޭނުބޭ

    ތިއީ ބުރާންތި ލޯގޯ. ބޮއިގެން ބުރާންތިވީމާ ކާޓޫނު ފޮތްތަކުގައި ތި ނިޝާން ޖަހާފައި ހުންނާނެ! ވީމާ ތިއީ ހަމަ ޕާޓީއާ އެންމެ ގުޅޭ ކަރުދިގު ފުޅި ބޯ މީހުންގެ ލޯގޯ!