ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ޖަލްސާއަކީ ނުހަނު ކާމިޔާބު ޖަލްސާއެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވީ ނުހަނު ކާމިޔާބު، އެހާމެ ފުރިހަމަ ޖަލްސާއެއް ކަން ޔަގީން ކުރައްވާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ނަޝީދަށާއި އެންމެހާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެެއާޕާސަން ކަމުގެ މަގާމަށް ހަސަން ލަތީފް އަދި ވަގުތީ ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު، އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ވަނީ އިންތިހާބުކޮށްފައެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ވަކިވެވަޑައިގެން އުފައްދަން މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީގެ ނަމާއި ލޯގޯ އާއި އެހެނިހެން ބައެއް ކަންކަން ވަނީ ފާސްކޮށްފައެވެ. ރޭގެ ޖަލްސާގައި ޕާޓީގެ ދިދަ، ޕާޓީގެ ސިއްކަ، ޕާޓީގެ އޮފީސް ވެސް ފާސްކޮށްފައިވެއެވެ.

ޑިމޮކްރެޓްސްއިން ބުނީ ޕާޓީގެ ލޯގޯއެއް ކަނޑައެޅުމަށް ބެލީ ރާއްޖޭގެ ގުދުރަތީ ވެއްޓާއި މާހައުލު ރަމްޒުކޮށްދޭނެ ނިޝާނަކަށް ކަމަށެވެ. ލޯގޯ ކަމުގައި ހިޔާރުކޮށްފައިވަނީ އިގެރޭސި ބަހުން ނަމަ އެސްޓްރިކްސްއެވެ.

އެ ލޯގޯއަކީ ދިވެހި ރުކާއި މުރަކައާއި އިރާއި މާމެލާމެލި ރަމްޒުކޮށްދޭ ކުރަހަން ފަސޭހަ އެކި ކަންކަމަށް ބޭނުން ކުރަން ފަސޭހަ މައުނަވީ ނިޝާނެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނަޝީދުގެ އަރިސް ބޭފުޅުން ފެއްޓެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ހިންގެވީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެކެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު، ނެރޭނެ ކެންޑިޑޭޓަކު ނުނިންމައެވެ. ޑިމޮކްރެޓްސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ދޫދީގެން ނަމަވެސް ކެންޑިޑޭޓަކަށް ތާއީދު ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާލޭސޮރު

    ލޯގޯއަކީ ކްރިސްޓިއަން ދީނާ ގުޅުވައިގެން ހަދާފައިވާ ސޮލީބެއް

    13
    2
  2. ބުލް

    ތިލޯގޯ ވައްތަރީ އިރާއި އޭގެ ދޯދިތަކާއި އެހެން ވައްތަރީ އިރަށް އަޅުކަންކުރާމީހުންގެ ސިރުކުގެ ރަމްޒެއްގޮތަށް

    13
    2
  3. ލޮލް

    ޕާޓޭ ކުދިންކޮޅަށް ގުޅައިގެން ޖަލްސާއަށް ނުގެންދޭތަ؟

    12
    3
  4. މާމިގިލީ ކޮއި

    ސޭޓޫ މިހާރު ސަންގަ މަސައްކަތްކުރާ މުއައްޒަފުންނަށް މަޖުބޫރުކޮއްގެން މާމިގިލިން ބިންތައް ހޯދަން މަޖުބޫރުން ސޮއި ތިހޯދުން އެވެސް ނުހަނު ކާމިޔާބުކަމެއްތޯ؟؟

    8
    1
  5. ތުއްތުނާ

    ދަނޑިމަގު ރެސީއަކީ ހުވަފެނީ ޖަމާއަތެއް

  6. ނުހަނު

    އެއީ އިޒްރަައީލް ދިދާގަ ހުރި ލޯގޯ