(ށ. މަރޮށި) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ށ. މަރޮއްޓާ ދެމެދު ހާއްސަ ގުޅުމެއްވާ ކަން އެނގުނީ އެމަނިކުފާނު މި ރަށަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅަކުންނެވެ. މަރޮށިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އިރު، ކުދި ބޮޑު ގިނަ ބަޔަކު ގަދަ އަވީގައި ބަނދަރު ސަރަހައްދަށް ދިއުން ވެގެން ދިޔައީ ކެމްޕެއިން ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ.

މަރޮށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މަރޮއްޓަކީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށަކަށްވާ އިރު، އެ ރަށް މީގެކުރިން އޮތީ ބާކީ ކުރެވި، އެކަހެރި ކުރެވިފައި ކަމަށެވެ. ގިނަ މަސައްކަތްތައް ކުރެވިފައި ހުރީ ރަށުގެ ކޮންމެވެސް ދަރިއެއްގެ އެހީއާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މަރޮށީގައި

ރައީސް ވިދާޅުވި ގޮތުގައި މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރަށް ގެނައި ބަދަލާ އެކު، މި ރަށް ވެސް ވަނީ ރާއްޖޭގެ ޗާޓަށް އަނބުރާ ވަދެފައެވެ.

މަރޮއްޓަކީ ހަމަޖެހުމަށް ލޯބިވާ ބަޔަކު ތިބި ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މަރޮއްޓަށް މިއީ އާދެވޭ ހަތަރު ވަނަ ފަހަރު ކަމަށެވެ. މަރޮށި ރައްޔިތުން މީގެކުރިން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި ދިނުން ކަމަށާއި މިހާރު ފެންނަމުން އެ ދަނީ އެ ބަނދަރު ފުރިހަމަވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަނދަރު ނިމިގެންދާ އިރު، އުތުރުގެ ރަށްތަކުގައި ހުރި ބަނދަރުތަކުގެ ތެރެއިން އެންމެ ފަސޭހަ ބަނދަރަށް މަރޮށި ބަނދަރު ވެގެންދާނެއެވެ.

ދިވެހިންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެމީހެއްގެ އަމިއްލަ ރަށުގައި ދިރިއުޅެވޭނެ ގޮތެއް އޮތުމަކީ އެމީހަކު ބޭނުންވާ ގޮތް ކަމަށެވެ. އެގޮތުން މަރޮށި ރައްޔިތުން ވެސް ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މަރޮށީގައި

ރައީސް މަރޮއްޓަށް ވެވަޑައިގެންނެވި ވައުދުތައް ކުރުކޮށް:

- ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން.
- ރަށަށް ބޭނުންވާ 30-40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމަންޓް ޖެހުން.
- ހިއްކި ބިމުން ގޯތި ލިބޭނެ ގޮތް ހެދުން.
- 50 ހައުސިން ޔުނިޓް އެޅުން.
- މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
- ސިއްހީ މަރުކަޒަށް ބޭނުންވާ ޑޮކްޓަރުން މި އަހަރު ހަމަޖެއްސުން.
- އޭޓީއެމްގެ ހިދުމަތް މި އަހަރު ގާއިމު ކުރުން.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރަށަށް ބޭނުންވާ 30-40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމަންޓް ޖަހައި ގޯތި ލިބޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން 50 ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ރަށް ރަށުގެ މަގު ހަދާ ލިސްޓުގެ ކުރީގައި އޮންނާނީ މި ރަށެވެ.

އަދި މި ރަށުގައި ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށް ރަށަށް ބޭނުންވާ ޑޮކްޓަރުން ހަމަޖައްސައި، އޭޓީއެމްގެ ހިދުމަތް ވެސް މި އަހަރުގެ ތެރޭގައި ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ މުނިފޫހިފިލުވުމާ ކުޅިވަރު ހަރަކާތްތަކަކީ ދޫކޮށްލާނެ ކަމެއް ނޫނެވެ. ކުޅިވަރު އެތައް މަޝްރޫއެއް ހިނގަމުން އަންނަ ކަމަށާއި އެގޮތުން މި ރަށަށް ބޭނުންވާ ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް އެންމެ ފުރަތަމަ ކޮންޓްރެކްޓް ހަވާލު ކުރީ މި ރަށާއެވެ. އެކަމުގައި ލަސްތަކެއް ވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަކު، އެ މަސައްކަތް ނިންމަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަރޮށިން ވެސް އެމްޑީޕީ އަށް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތެވެ. މަރޮށީގެ އާބާދީ 900 އާ ގާތް ކުރި ނަމަވެސް ނިސްބަތުން ރަށުގައި ދިރިއުޅޭ މީހުން މަދެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަރޮށީ ރައްޔިތުން ނުތިބެނެ ނުކުމެއެއް ތި ހަމަ ދޮގެއް ކުރީ ފަހަރު ވެސް މިހުން ގެނެއީ ކާރި ރަށް ރަށުން

    7
    3
  2. އިބޫން

    ވަޢުފުއްދޭނީ ވަޢުދަކީ ކޮބައިކަން ދަންނަ ތަންދޮރު ފިލާމީހަކަށެވެ.

    3
    1
  3. Anonymous

    ދޮގު ވައުތައް ވުމައްވުރެ އަނގަ ހިމޭނުންލައިގެން ބާކީ މިއޮތް މަދު ދުވަސްކޮޅުވެސް މަޑުން ހުރެވޭތޯ ބަލަން ވީނުން.

    3
    1
  4. އިކުރާމު

    ވީ ވައުދު ތައް ފުރަތަމަ ފުއްދަބަލަ