(ށ. ނޫމަރާ) މި ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ނެޔޮ ކައުންސިލަށް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނޫމަރާ އަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ މީގެކުރީ ސަރުކާރުތަކުން ނޫމަރާ ވަރަށް ބޮޑަށް އެކަހެރިކޮށް ބާކީކޮށްލާފައިވާ ކަމަށެވެ.

ނޫމަރާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ ނެޔޮ ރަށުގެ ރައްޔިތުންނަށް ލިބުމަކީ އެމީހުން އެދެމުންދާ ކަމެއް ކަމަށްވާތީ ވަރުވާއަށް ދޫކޮށްފައިވާ އެ ރަށް، ނޫމަރާ ކައުންސިލަށް ދޫކޮށް އެ ތަނުން ހިދުމަތް ހޯދުމުގެ މަގު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ކޮށްދޭން ޖެހޭ ގިނަ ކަންކަން ހުރި އިރު، ތަފާތު ކުރުމެއް ނެތި އާބާދީގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ދެމި ހުންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމާއި އަނިޔާވެރިކަން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫމަރާގެ ރައްޔިތުންނަށް ވެސް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށެވެ. މި ސަރުކާރުން ކުރި މަސައްކަތުން ހަމަޖެހޭ މުޖުތަމައުއެއް ހޯދައި ދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި ނޫމަރާ އިން އެކަނި ވެސް 74 އިންސައްތަ ވޯޓު އެމްޑީޕީ އަށް ލިބުނެވެ. ނޫމަރާގެ މެޖޯރިޓީ މި ސަރުކާރަށް ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުކުރު

    ގޭދޮށު ޖަލްސާއެއްތަ ؟ ނޫނީ މީހުން ގިނަކަމުން ކެމެރާގެ ލެންސައްވެސް ނާރަނީތަ؟

  2. ބެއްޔާ

    ފެނަކަ މުއައްޒަފުންގެ ޖަލްސާއެއްތަ؟