ހއ. ކެލާގައި ބަނދަރާއި ދިމާލު މޫދުން ދަލެއްގައި އޮޅިފައި އޮތް ދެ ވެލާ ސަލާމަތް ކޮށްފިއެވެ.

ވެލާ ކަހަނބުގެ އާބާދީ ސަލާމަތް ކުރުމަށް އެތަކެތި ހިފުމަކީ މަނާ ކަމެކެވެ. މިގޮތުން 1996 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ މިކަން މަނާ ކުރިއިރު، އެ ތަކެތީގެ ބިސް ނެގުން ވެސް 2016 ވަނަ އަހަރުގައި ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އެހެން ނަމަވެސް ވެލާ ފަދަ އެއްޗެހި ހިފާ އޭތި ކައި އުޅޭ މީހުން މަދެއް ނޫނެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ވެލާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފަރުހަތު ނައީމް (ފަރޭ) ބުނީ މިއަދު ހެނދުނު 11:00 ޖެހިހާއިރު، އެރަށު ބަނދަރު ސަރަހައްދުގެ އެތެރެއިން އެ ދެ ވެލާ ފެނުނީ "ބޯ ހިއްލަނިކޮށް" ކަމަށެވެ.

ކެލާގައި ދަލެއްގައި އޮޅިފައި ދެ ވެލާ ސަލާމަތް ކުރުން - ފޮޓޯ: ފަރޭ

"ވެލައެއް އޮތްކަން އެނގުނު ބޯހިއްލަން ފެށީމަ، އެ ދިމާލަށް އަސްލު ދިޔައީ ކުޑަ ލޯންޗެއް ބާލަން މަހަށް ދާން ވެގެން، އެ ދިމާލަށް ހުންނާނެ ލޯންޗްތައް އެހެލާފައި އޭތި ބާލާފައި އިރުކޮޅެއް ނުވެ، ލޮލުގައި އަޅައިގަނެއްޖެ އޭތި ބޮޑު ދާގަނޑެއް ކަހަލަ އެއްޗެއްގައި އޮޅިފައި އޮތްތަން.". އޭނާ ބުންޏެވެ.

މިއާއެކު އޭނާއާ އިތުރު މީހުންވެސް އެ ވެލާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެެވެ. އެގޮތުން އެ ދެ ވެލާ ސަލާމަތް ކުރުމަށް ޑިންގީގައި ދިޔައެވެ. ޑިންގީގައި ގޮސް ވާޖަހައިގެން އޭތީ އެއްގަމަށް ގެނައެވެ.

"އެއްގަމަށް ނަގާފައި، ވަޅިން، އޭތީގައި އޮޅިފައި ހުރި ވާތައް ނެއްޓީ، ވަރަށް ބޮޑަށް އިންޖަރީ ވެފައި އޮތީ. ކޮންމެ އެއްޗެއްގެވެސް އަތް އޮތީ ވަރަށް ބޮޑަށް އިންޖަރީ ވެފައި. އެއްކޮށް ފެހި ކަހާލާފައި ރީތިކޮށްލާފައި ދޫކޮށްލީ. ފާޑެއްގެ ދަލެއް އެ ދެ ވެލާގައި އޮޅިފައި އޮތީ، ނަރު ދަލެއް".

ފަރޭ ބުނިގޮތުގައި، އެ ދެ ވެލާ ސަލާމަތް ކުރުމުގައި ހަތް ވަރަށް މީހުން ހަރާކްތެތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަރުގޮނު

    މި 2 ވެލާ ސަލާމަތް ކުރެއްވުމުގައި އުޅުއްވި ބޭފުޅުންނަށް ހެޔޮ ދަރުމަހުރި

    13
  2. ގަދަ

    ވަރަށް ރަނގަޅު ކަމެއް. މިގޮތަށް އިންޖަރީ ވެފަ ހުންނަ ވެލަޔައް ސިއްހީ އެހީތެރިކަން ފޯރުކޮއްދޭ ދެތިން ޖަމިއްޔާ ރާއްޖޭގަ ހުރޭ. އޮލިވް ރިޑްލީ ޕްރޮޖެކްޓް ބ.ދުނިކޮޅު، މެރިން ސޭވަރސް ކ.ކުޑަހުރާ، ބ.ލަނޑާ ގިރާވަރު އަދި އެޓޮލް މެރިން ސެންޓާ، ޅ.ނައިފަރު. އެބޭފުޅުންނަށް ގުޅައިފިއްޔާ ރާއްޖޭ ކޮންމެ ހިސާބަކުން ވެސް ވެލާ ޓްރާންސްޕޯޓް އެރޭންޖް ކޮއްދޭނެ.

  3. ކަންނެޔޮ

    ވަރަށް ރަގަނޅު މަސެތްކަތެއް އިންސާނުންނަށްވެސް ތިގޮތަށް އެހީވާތި

  4. ކުންބެ

    ކުދިންނޭ ވެލާމަހަކީ މީރުމަހެއް
    މިހާރު ޔޫރަޕު ގަވެސް އެންމެ އަގުބޮޑު މަހަކީ ވެލާމަސް
    ޖޫރިމަނާއަކައް ބލާނެ ކަމެއްނެއް
    ހ