ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި ބަންދުން ދޫކޮށްލި ގައްބަރޭގެ މައްސަލަ ޖުލައި ނުވަ ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގައްބަރޭ ހައްޔަރު ކުރީ ޒަރީރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ.

މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ. މިމައްސަލައިގައި ގައްބަރޭ ހޯދަން ފުލުހުން އިއުލާންކުރީ މެއި 15 ވަނަ ދުވަހުގައެވެ. އޭގެ 7 ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންނަމަވެސް ބަންދުގެ މުއްދަތު ހަމަނުވަނީސް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ޒަރީރަށް ހަމަލާދިން މައްސަލައިގައި މީގެ ކުރިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.