ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 148 ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިޚްލާސްތެރިކަމާއެކު ކުރައްވާފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސް ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސް ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސްގެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުތު ފުރިހަމަވާ 48 ބޭފުޅަކަށް ވެސް ޝަރަފްގެ ބެޖާއި އައްޑަނަ އެރުވުނެވެ. މިއަދު ޝަރަފް އެރުވުނު 148 ބޭފުޅުންގެ ތެރޭގައި، މި 48 ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ.

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު މާހާ އާމިނަތު ވަޙީދާއާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި، އަނގޮޅިތީމު ފެހިވިލާގޭ އަޙްމަދު ރަޝީދާއި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓްކަން ކުރެއްވި ގަލޮޅު ފަސާނާ ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ޙާސިލްކުރެއްވީ 65 ބޭފުޅެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބުކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިކަމާއި، ނަރުސްކަމާއި، މުދިންކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓިވްކަމާއި، އަދި މިނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން އިނާމު ޙާޞިލް ކުރެއްވިއެވެ. މީގެއިތުރުން، އެމްއެންޑީއެފް. އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނީފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    އަހަރެންނަށް ތިޔަމެޑެލް ލިބުނަސް ބަލާވެސްނުދާނަމެވެ. ސަބަބަކީ ދިވެހި ގައުމު އަޅުވެތިކޮށް ގައުމުގެ ކަނޑު ކުޑައަގަކަށް ވިއްކާލައިފާވާތީއާއި އިސްލާމްދީނަށް ފުރައްސާރަކުރާމީހުނަށް ހިމާޔަތްދީފައިވާތީއާއި، ގައުމުގައި ކުއްވެރިއެއް، ވަގެއް ހުރިއްޔާ އިބޫގެ ބަޔަށް ވައްދާފައިވާތީއެވެ.

  2. Anonymous

    ޥެދުންސަލާމްއަށް ފަހުދަންނަވަމެ