ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

އެ އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނާއި، ކުންފުންޏަކީ:

  • އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިހު އަހުމަދު ފަހުމީދީދީ، ގ.ސިނަމާލެ 1 13-01

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން- ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ

ފަތުރުވެރިކަމުގެ ދާއިރާއިން- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަތުރުފަތުރުގެ ދާއިރާއިން- ކެޕްޓަން އަޙްމަދު ޒުބައިރު، މ. މޯނިންގވިލެޖް

ކުޅިވަރުގެ ދާއިރާއިން- މައިޒާން ޢަލީމަނިކު، ހ. އިސްދޫ

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 17 ބޭފުޅުންނާއި، ޖަމިއްޔާއަކީ:

  • ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރުއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރުއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްގާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ.ފުނަދޫ

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިހު ހަސަން ލަތީފް މޫސާ، ހިކަދިގަސްދޮށުގެ، ސ.ހިތަދޫ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: އަލީ އަމީރު، ލަކީސްޓާރ، ދ.ބަނޑިދޫ

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: ފާރޫގު އަހުމަދު ކްރެޝެންޓްވިލާ، ހދ. ފިނޭ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން. ލިޔުންތެރިންގެ ގުޅުން ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން: އަބްދުއް ސަމަދު ޢަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް

ތައުލީމީ ދާއިރާއިން، ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުހައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި

މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ

ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ޙަސަން ސައީދު، މާދަޑު. އެއްގަމިގެ، ޏ. ފުވައްމުލައް

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން. ޝިޔާމާ އަޙްމަދު, މ. ކަރޭޖް

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން: ކެޑޭޓް މޭޖަރ ޔާސިރު މުހައްމަދު، މައިދާން، ޅ. ނައިފަރު

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުސްތަފާ، މާދަޑު. އާސާން، ޏ. ފުވައްމުލައް

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން: އަހުމަދު މުހުސިން، ގުލްފާމްގެ، ހދ. ނައިވާދޫ

ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަޙްމަދު ސަލީމް، މ. ކުނޑި

ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ

ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން. އަހުމަދު އަޒުމީ ހަލީމް، މ. ހަރްމަލްގެ

ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުހައްމަދު ނިހާން ނަސީރު، ހ. ސޯފިޔާ

ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ސާޖަންޓު ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ.ޅޮހި

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.