މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދޭން ނިންމައިފިއެވެ.

މިނިވަން ދުވަހުގެ ޖަލްސާ އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައެވެ. މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ގައުމާ މުހާތަބް ކުރައްވާނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ޖަލްސާގައި ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ދެއްވުމާއި ކީރިތި ގުރުއާން ހިތުދަސްކޮށް އެއް ވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސް މެޑަލް ދެއްވާނެ ކަމަށެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް ދެއްވާ މެޑަލް، މި އަހަރު ހާސިލް ކުރައްވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި
10 ޙާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.