ހުއްދަ ދީފައިނުވާ ކުންފުނިތަކުން އުމްރާއަށް މީހުން ގެންދާތީ ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އުމްރާއަށް މީހުން ގެންދިއުނުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކަށް އެއްވެސް ބަޔަކު ގެންދިއުމަކީ މަނާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިހެން ކަމުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ވާހަކަ ދެންނެވީމެވެ،". އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަދި މި އުސޫލާ ހިލާފަަށް އަމަލުކޮށްގެން ދިމާވާ އެއްވެސް ކަމެއްގެ ޒިންމާ އުފުލަން ވާނީ އެ ފަރާތަކުން ކަމުގައި އެންމެހާ ރައްޔިތުންގެ ސަމާލުކަަމަށްޓަކައި ދަންނަވަމެވެ" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައަޅެ

    ހުއްދައޮތް ކުންފުނިތައް ފާހަގަ ކުރާނީކިހިނެތް؟ މިނިސްޓްރީން އެލިސްޓް އާއްމު ކުރަންވީނު.

  2. ކޮރަލް

    އުމްރާ އަށް ކޮންމެ ބަޔަކަށް ވެސް ދެވޭނެ އެވެ. އެއީ މަނާ ކަމެއް ނޫނެވެ. އަދި ސައޫދީ އިން މަނާ ކޮށްފަ އޮތް ކަމެއްވެސް ނޫނެވެ.

  3. ހުސޭނުބޭ

    ރައްޔިތުންގެ ހައްޖުކޯޓާއިން 59 ޖާގަ ދަމާގަނެގެން ފަޤީރުންހެދިގެން ހައްޖަށް ދިޔަ މީހުންގެ މައްސަލަ ބަލަނީ ކޮން އިރަކުން

  4. Anonymous

    މިހާރަކު ގުރޫޕަކުން ޢުމުރާޔަށް ދާކަށް ނުޖެހޭ އަމިއްލަޔަށް ވެސް މަތްކާޔަށް ދެވޭނެ، ސަޢުދީ ވަނީ އެންމެނަށް ހުޅުވާލާފައި، އޮންއެރައިވަލް ވިސާ ދިވެހިންނަށް އެބަލިބޭ ދެން ހަމަ ދާންވީ !