އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒު އާއި އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް، ވ،މ އަދި ފ،ދ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އެ ކޯލިޝަންގެ ރިޔާސީ ކެމްޕެއިނަށް ފުރަތަމަ ދަތުރު ކުރައްވާފައި ވަނީ ބޮޑުތިލަދުންމައްޗަށެވެ. އެ ދަތުރުގައި ހއ. ހދ. ގެ ގިނަ ރަށްތަކަށް ވަޑައިގެންނެވިއެވެ.

ކާމިޔާބު އެ ދަތުރުފުޅަށް ފަހު މިފަހަރު ޑރ. މުއިއްޒުގެ ކެމްޕެއިން ޓީމުން ދަތުރު ފައްޓަވާފައި ވަނީ މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށެވެ.

މީގެ ތެރޭގައި ހަވީރު ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާއިރު، މާދަމާ މ. ދިއްގަރު، މަޑުއްވަރީ. މުލަކަށް ވަޑައިގަންނަވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ދ. މާއެނބޫދޫ، ކުޑަހުވަދޫ، މީދޫ އަށް ވަޑައިގަންނަވާއިރު، ފ. ނިލަންދޫއަށް އެރޭ ވަޑައިގެން އެރަށުގައި ޖަލްސާއެއް ބާއްވާނެއެވެ. އަދި ހަތަރު ވަނަ ދުވަހު މ މުލި، ވ. ކެޔޮދޫ، ފެލިދޫ، ފުލިދޫއަށް ވަޑައިގަންނަވާނެއެވެ.

ޑރ. މުއިއްޒު މިއަދު ހަވީރު މި ރަށްތަކަށް ފުރާ ވަޑައިގަތުމުގެ ކުރިން ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން މީޑިއާތަކާއި ވާހަކަދައްކަވަމުން ވިދާޅުވީ، ތިން ދުވަސް ތެރޭގައި މިހަތަރު އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މި ދަތުރުގައި ހުރިހަ ރަށަކަށް ވަޑައިނުގެންނެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ކެމްޕެއިނަށް ޑރ. މުއިއްޒު 4 އަތޮޅަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާއާ ވާހަކަދެއްކެވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފު

"ތަން ދެވޭ ހުރިހާ ރަށްތަކަށް އެބަ ދަން، ކައިރި ރަށްތަކުން ކޮންމެވެސް ވަރަކަށް ރައްޔިތުން ވަޑައިގެން ޖޮއިން ކުރުވާ ކަހަލަ ގޮތަކަށް ނޫނިއްޔާ ޓައިމް މެނޭޖް ކުރެވޭކަށް ނެތް.".

ޑރ. މުއިއްޒު ވިދާޅުވީ، ހއ. ހދ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި، ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

"ރައްޔިތުންގެ އުއްމީދުތައް ވަަރަށް ބޮޑަށް ގުޅިފައި މި އޮތީ ޕީޕީއެމް/ޕީއެންސީއާ އަޅުގަނޑުމެންގެ ސަރުކާރެއް ގާއިމް ކުރުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާތަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނިގެން ދިޔައީ އިހުސާސް ކުރެވިގެން ދިޔައީ".

އަދި އެ އުއްމީދުތައް ހާސިލް ކޮށްދިނުމުގެ ވަރުގަދަ އަޒުމްގައި ޓީމް އޮންނާނެ ކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ، މި ދަތުރުގެ ތެރެއިން ރައްޔިތުންގެ ކިބައިން އެ ރައްޔިތުންގެ ބޭނުންވާ ކަންކަން އޮޅުން ފިލުވާ ވާހަކަ ދައްކަމުންދާނެ ކަމަށެެވެ.

"ބާކީ އޮތް ދުވަސްތަކުގައި ވީވަރަކުން މާލެ އާއި އަތޮޅު ތެރެއަށް ބަހާލައިގެން، ރައްޔިތުން ކައިރިއަށް ގޮސްފައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާލަދީ، އަޅުގަނޑުމެންގެ ފަރާތުން ސިޔާސަތުތައް ހާމަކުރުމާއި އެކަންކަން ކުރިއަށް ގެންދެވޭނެ.".

އަދި މި ކެމްޕެއިނަކީ ރައްޔިތުންނާއި ގާތުން ވަަރަށް ބޮޑަށް މަސައްކަތް ކުރެވި ރައްޔިތުން އެދޭ ގޮތަށް ގާއިމް ކުރެވިގެންދާ ސަރުކާރެއް ގާއިމް ކުރުމުގެ މަގު ފަހިވެގެންދާ ކެމްޕެއިނަކަށް ވެގެން ދާނެ ކަަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ޑރ. މުއިއްޒު އާއެކު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި، ރައީސް ޔާމީން ދައުރުގައި މިނިސްޓަރުކަން ކުރެއްވި ބައެއް ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެއްލަކިން 2023 މުއިއްޒު އިންސާﷲ

    18
    4
  2. ސާމް

    ދިމްޔާތު ކެމްފެއިން އެހެންނުން.

    2
    2
  3. ރައްޔިތުމީހާ

    އިންޝާﷲ ވަރަށް ބާއްޖަވެރި ކާމިޔާބު އަމާން ދަތުރެއް ކަމުގައި ލައްވާށި އާމީން

    18
    3
  4. ޣޖ

    إن شاءالله ވަރަށަ ކާމިޔާބު ދަތެރެއެއް. ޢެއްބުރުން ހޮވުމަކީ އުއްމީދު. މިގޮތަށް މާތްﷲ އިރާދަކުރައްވާށި. އާމީން.