"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ކެންސަލްކުރުމުގެ ވިސްނުމެއް ނެތްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު، އެންމެ ފުރަތަމަ ޤަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ރައީސް ޔާމީން ރިޔާސީ ބަހުސްގައި ބައިވެރިވެވަޑަގަންނަވަން ނިންމެވުމުން ގުޅިފައިވާ ޕާޓީތަކުގެ ކެޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ( އިބޫ) ވެސް ވަނީ ރިޔާސީ ބަހުސް ގެ ދައުވަތު ގަބޫލު ކުރައްވާ އެ ބަހުސްގައި ބައިވެރިވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އިބޫ ވަނީ ރިޔާސީ ބަހުސް އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދެވޭނެ ކަމާއި މެދު ޝައްކު އުފައްދާ އެ ބަހުސްގައި ބައިވެރިނުވާން ނިންމައިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޕީއެސްއެމްއަށް ދިން އިންޓަވިޔުއެއްގައި ވިދާޅުވީ، ރިޔާސީ ބަހުސް ކެންސަލްކުރުމުގެ ވިސްނުން އެ ޔުނިވަރސިޓީން އަދި ނުގެންގުޅޭކަމަށާއި، ބަހުސް ކުރިއަށް ގެންދިއުމަށްޓަކާ ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއެކޭވެސް އެއްގޮތަށް ކުރަމުންދާކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންވެސް މި ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ އެ ޔުނިވަރސިޓީން ކުރާ އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފުވިފަހުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ރިޔާސީ ބަހުސް ބާއްވާފައިވާއިރު، އެ ހުރިހާ ބަހުސްއަކަށްވެސް ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ.

މިފަހަރުގެ ރިޔާސީ ބަހުސް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށެވެ. އެގޮތުން މެނިފެސްޓޯ ބަހުސްއާއި ރަނިންގ މޭޓުންގެ ބަހުސްގެ އިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ބަހުސްތައް ބާއްވާނެ ތާރީޚު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އާއްމުކުރާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުޑް

    ވަރަށް ރަނގަޅު ނިންމުމެއް..ރިޔާސީ ބަޚުސް ކުރިޔަށް ޤާބިލް ކެނޑިޑޭޓް ރައަީސް ޔާމީން އާއި އެކު