ސަރުކާރުތަކުން މިފްކޯއަކީ ގެއްލުންހުރި ތަނަކަށް ހަދައި އެ ކުންފުނިން މަންފާތަކެއް ހޯދަމުންދާ ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި ގުޅޭގޮތުން ރޭ ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯއިން ރާއްޖެއަށް މި ވަގުތު ބޭނުންވާ ހުރިހާ ކަމެއްގެ ހައްލު ލިބިގެންދާނެ ކަމަށެވެ.

ހާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ބަލާއިރުގައި މިއީ ދެ ދާއިރާއަކީ ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ދާއިރާތަކެއް ކަމަށް ވިދާޅުވިއެވެ. ގާސިމް އަކީ އިގްތިސޯދީ ހުރިހާ ދާއިރާތަކެއްގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ އެ ދާއިރާތަކަށް އިންވެސްޓް ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވުމުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިހްސާސްތައް އެންމެ ބޮޑަށް އެނގިލައްވާނެ އެއް ބޭފުޅަކީ ގާސިމް ކަމަށް މުޣުނީ ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު އަހްމަދު ދަނޑުވެރިކަމުގެ މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މެނިފެސްޓޯ އެކުލަވާލިއިރު އަޅުގަނޑުމެންނާއި ބައްދަލުވި ވަރަށް ގިނަ މަސްވެރިންނާ. އެ ބޭފުޅުންގެ ހިތުގެ އިހްސާސް އަޅުގަނޑުމެން ބަލައިގަތީ. ވޭދުވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އެބައޮތް. އެ ބޭފުޅުންނަށް ކޮށްދޭން ވައުދުވި އެއްވެސް ކަމެއް ކޮށްދީފައެއް ނެތް. މަސްވެރިނަށް ހަމަ އަގު ހޯދައިދޭނަމޭ މި ސަރުކާރުން ވެސް ވައުދުވެފައި އޮތް ނަމަވެސް ފަސް އަހަރު ނިމިގެންދާއިރު ހަމަ އެތިބިތާގައި އެ ތިބީ." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯގައި ނުފުއްދޭ ވައުދެއް ނުހުންނާނެ ކަމަށެވެ. އެ މެނިފެސްޓޯގައިވާ ވައުދުތައް ވަކިވަކިން ބައްލަވާ އެއީ ފުއްދޭނެ ވައުދެއްތޯ އަދި ފުއްދާނީ ކިހިނެއްތޯ ގާސިމް ބެއްލެވި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މުޣުނީ ވިދާޅުވީ ހުރިހާ ކުންފުނިތަކަށް ބަލާއިރު އަބަދުވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ކަމަށެވެ. ސަރުކާރުގެ ހިއްސާއޮތް ޓޫރިޒަމް ދާއިރާގެ ކުންފުނިތައްވެސް ހުރި ކަން ފާހަގަކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ނޫނީ ޓޫރިޒަމްގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ އެއްވެސް ކުންފުންޏެއް ފެއިލްވެފައި ނެތް ކަމަށެވެ.

މަސްވެރިންތަކެއް މަސް ބާނަނީ-- ފޮޓޯ/ ޒުވާން މަސްވެރިޔާ

ގާސިމްގެ ވިސްނުންފުޅަކީ ޕްރައިވެޓް ޕާޓީސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތެރެއަށް ވެއްދުން ކަމަށް ވިދާޅުވިއެވެ.

"މިފްކޯ އަބަދުވެސް މި ދައްކަނީ ގެއްލުންވާ ވާހަކަ. ފައިދާވާ ދުވަހެއް ނާދެ. ސިސްޓަމިކަލީ ސަރުކާރުތަކުން ބައިވެރިވެ އެތަނަކީ ގެއްލުންހުރި ތަނަކަށް ހަދަން މަސައްކަތްކުރަނީ. ކޮންމެވެސް ބަޔަކަށް މަންފާތަކެއް އެބަލިބޭ މިކަމުން. ގާސިމް ވިދާޅުވަނީ ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ގާސިމްގެ ސަރުކާރެއްގައި މިފްކޯ ކޮޅަށް ޖެހުމަށް އިންވެސްޓަރުން ހޯދާނެ ކަމަށެވެ. އަދި އެއީ ރާއްޖެއަށް މަންފާވާ ކުންފުންޏަކަށް ހަދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމަލު

    އެއްކަލަ އޮޅިގެން މެސެޖް ކުރެވޭ ކަލޭގެ. ގަމާރު ވިޔަސް ތިޔަވަރު ބޮޑު. ދެން ސްޓެލްކޯ ހަނދާން ނައްތާލާ. މިފްކޯ އޭ އަދި ކިޔައެއްނު އެބަ