އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ލ. އަތޮޅު ބަދަލުވާނީ އެހެން ލެވެލްއަކަށް ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި ލ. ފޮނަދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދީ، ރައްޔިތުންގެ ދިވެހި ރާއްޖެ ގެނައުމުގައި ދެވަނަ ކެންޑިޑޭޓެއް މުއިއްޒު ފިޔަވައި ނެތް ކަމަށެވެ.

"އެއީ އިލްމީ ގޮތުން ވިޔަސް، ގާބިލްކަމުގެ ގޮތުން ވިޔަސް ހިންގުންތެރިކަމުގެ ގޮތުން ވިޔަސް، ހިދުމަތްތެރިކަމުގެ ގޮތުން ވިޔަސް، މުއިއްޒާ ވާދަކުރެވޭނެ އިތުރު ކެންޑިޑޭޓަކު ނެތް." އަދުރޭ ވިދާޅުވިއެވެ.

ލ. ފޮނަދޫގައި މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އަދުރޭ ވިދާޅުވީ ހައްދުންމައްޗަށް ބޭނުންވާ ތަރައްގީ ގެނެސްދޭނީ ޕީޕީއެމް/ޕީއެންސީން ކަމަށެވެ. ޕީޕީއެމް/ޕީއެންސީއަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ މަސައްކަތް ކުރާނެ ދެ ޕާޓީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އައިސްގެން ވަޒީފާގައި ތިބި އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެއެވެ. އަދި ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދީ އިތުރު ހިދުމަތްތައް ގާއިމު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާއި ޕީއެންސީގެ ރައީސް މުހައްމަދު ސައީދު ގުޅިގެން މިތިބީ ހައްދުންމަތީ ތަރައްގީގެ އާ ޒަމާނަކަށް ގެންދަން ތައްޔާރަށް،" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ ހައްދުންމަތިން ފެނުނު މަންޒަރު އިންތިހާބުގެ ނަތީޖާ ނިމިފައިވާ ކަމަށެވެ. އަދުރޭ އެ އިޝާރާތް ކުރެއްވީ މުއިއްޒު މިއަދު ހަވީރު ލ. ކައްދު އަށް ވަޑައިގެންނެވުމުން އޭނާ އަށް ކީ ހޫނު މަރުހަބާއަށެވެ.

"ވޯޓު ލާނެ ވަކި ގޮތެއް ނުނިންމާ މީހުންނަށް ހައްދުންމަތީ މިއޮތީ ގޮތް ނިންމައި ދީފައި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަނީ އަދުލުވެރި ވެރިކަމެއް ކުރުމަށާއި އަޅުވެތިކަމުން ދުރަށް ދިއުމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން އަންނަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމަ

    އެއީ އަރާއިރު ލެވެލްއަށް. އެލެވެލްގަ ކައިފަ ބާކީ ނުވާނެ

    2
    1
  2. އިނާ

    އަދުރޭއާ ހެދި ވަރައް ގިނަ ވޯޓް ގެއްލޭ

  3. ކަދުރޭ

    ގޮތް ނޭގޭ ލެވެލް. ޢެލެވެލް ގައި ލަންދޫ އައް ކަޑަ އަޅާ ބަޖެޓް އަދުރޭގެ ޖީބައް ކަހާލާނެ. ޓި ނު އަދުރޭ ރަގަޅެއްނުވާނެ.

  4. ސަރީ

    ޚިޔާލީ ފޮނިވާހަކަތައް އިންތިޚާބު ދުވަސްވަރު ދެއްކުމަށް ފަހު، އެކަން އަމަލުން ނުފެންނަ ބަޔަކަށް ނުވާނެކަމަށް ހީކުރަން.

  5. 12ވގ

    އެއީ ވައްކަން