ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯ ވަރުގެ ފުރިހަމަ މެނިފެސްޓޯއެއް މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓެއްގެ ނެތްކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި ސަރުކަރުން ގާސިމްއަށް ބަދަލެއްގެ ގޮތުގައި ހަތަރު ސަތޭކަ ތޭރަ މިލިއަން ރުފިޔާ ދީފައި އޮތްކަމަށް ރިޕޯޓްކުރެވިފަ އޮތްކަމަށާއި ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރެއްގައިވެސް ގާސިމްއަށް ރަށްތަކެއް ދިނުމައް އެއްބަސްވުންތަކެއް ވެވިގެން ދިޔަ ކަމަށާއި ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ދަޢުލަތުގެ ތެރޭގައި އުޅުއްވަނީ ދަޢުލަތުގެ ތިޖޫރީން ވިޔަފާރިކުރައްވަންކަމަށް ވިދާޅުވާ ވިދާޅުވުން ގާސިމް ދޮގުކުރައްވާ ކަމަށް ވީނަމަވެސް ކޮންމެ ސަރުކާރަކުންވެސް އެމަނިކުފާނަށް މިލިއަނުން ފައިސާ ލިބޭ ކަމަށާއި ނޫނިއްޔާ ބަދަލެއްގެ ގޮތުގައި ފަޅުރަށް ނުވަތަ ފަޅު ލިބޭކަމަށް ދެކެވޭ ވާހަކަތަކަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ދެންވާނެ ގޮތަކާ މެދު ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެއީ ހުސް ދޮގު ވާހަކަތަކެއް ކަމަށާއި އެމަނިކުފާނަށް ލިބިފައި ހުރި ހުރިހާ އެއްޗެއްސަކީވެސް މީހުން އަތުން ގަނެގެން ލިބިފައި ހުރި އެއްޗެހިކަމަށް ވިދާޅުވިއެވެ.

މާމިގިލި އެއަރޕޯޓް އަދި ސަން އައިލެންޑްއަކީ ޓެންޑާކޮށްގެން ބިން ހިއްކައިގެން ލިބިފައިހުރި ތަންތަން ކަމަށާއި އެހެން ހުރިހާ ތަންތަނަކީ އެމަނިކުފާނު މީހުން އަތުން ގަނެފައިހުރި ތަނަތަންކަމަށް ގާސިމް ވިދާޅުވިއެވެ.އިސްލާހީ މަސައްކަތް ތަކުގައި އެމަނިކުފާނު އުޅުއްވާއިރު ސަރުކާރުން ތަންތަން ނެގުމުން އެ މައްސަލަ ޝަރީއަތަށް ގޮސްގެން ޝަރީއަތުގެ 3 މަރުހަލާ ނިމިގެން ނޫން ގޮތަކަށް އެމަނިކުފާނަށް ބަދަލެއް ލިބިފައި ނޯންނާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ސަންގު ޓީވީން ގެނެސްދިން ސިޔާސީ ކެނޑިޑޭޓުންގެ ބޮޑު ބަހުސްގައި ވާހަކަ ދައްކަވަމުން ސިއްޙީ ނިޒާމްގެ ދަށުން ގާސިމްގެ ސިޔާސަތެއްގައި ސިއްޙީ ފަރުވާ އެދިގެން އަންނަ ހުރިހާ ފަރާތްތަކަށް ފަސޭހަ ކަމާއެކު ބޭސް ފަރުވާގެ ކަންކަން ކުރެވޭނެ ނިޒާމް ގާއިމްކޮށްދޭނެ ކަމަށާއި މި ސަރުކާރުގައި ރައްޔިތުންނަށް ބޭސް ފަރުވާގެ ނިޒާމްތަކަކީ ވަރަށް ތަކުލީފުތަކެއް ހުރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ދުނިޔޭގެ އެހެން މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އާސަންދައަކާއި އެންސްޕަޔަރއެއް ހުރިނަމަވެސް ބޭސް ކޮޅެއްދީފަ ރާއްޖޭން ބޭރައް ދާ މީހާއަށް ހަމައެކަނި ހޮސްޕިޓަލްގައި ބިލް ދެއްކޭނެގޮތް ހައްދަވައިދިނީމަ އެކަންނިމުނީ ނޫން ކަމަށާއި އޭގެ އިތުރުން ކުރިމަތިވާ އެހެން ދަތި ތަކެއްވެސް އެބަހުރިކަން ގާސިމް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ހާމަނައިޒްކޮށްދެއްވާނެ ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ.

"މިހާރު މިއޮތްގޮތައް ބަލާއިރު ވަރަށް ތަކުލީފުތައް ހުރި ބޮޑު ކަމެއް އެކަންތައްތައް ވެގެން މިދަނީ. އާސަންދައަކާ އަދި އެންސްޕަޔަރ ވެސް އެބަހުރޭ. މި ދެތަނުންވެސް ހަމަ އެއްކަމެއް މިވަނީ. ހަމައެކަނި ބޭސްކޮޅެއްދީފަ ރާއްޖޭން ބޭރައްދާމީހާއަށް ހޮސްޕިޓަލްގެ ބިލް ދައްކާލަދޭނެގޮތް ހަމަޖައްސައިދިނީމަ ބޮޑު ތަކުލީފުތަކާ ކުރިމަތިލާން އެބަޖެހޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތު އެކުލަވާލައިފައިވާނީ ހުރިހާ ފަރާތްތަކަށްވެސް އަދި ހާއްސަކޮށް ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތް ފަހިކޮށްދެއްވާނެ ގޮތަކަށް ކަމަށާއި އަދި ސުކޫލްތަކުގެ ކަރިކިއުލަމް ބަދަލުކޮށް ރަނގަޅު ތަރުބިއްޔަތެއް ދެވިގެންގޮސް އަޙްލާގް ރަނގަޅު ޖީލުތަކެއް ބިނާކުރުމަކީވެސް ގާސިމްގެ ސިޔާސަތެއްގައި އެކުލަވާލައިފައި ވާނެ ކަންތައްތައް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިހާރު ނިކުއްނަ ކުދިންގެ ވިސްނުމުގައި އެއްވެސް ވަރަކަށް ވަޒީފާއައް ނިކުންނަ ފިކުރު ނުގެންގުޅޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ނުވަތަ އަޅުގަނޑުގެ ސިޔާސަތަކީ ޒުވާނުން އެބަޖެހޭ ހުރިހާ މީހުނަށްވެސް ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ލިބޭނެ މަގު އަޅުގަނޑުމެންގެ ސަރުކާރެއްގައި ފަހިކޮށްދޭނެ ކަމަށް އަޅުގަނޑުމެން ބުނެފައިވާނެ. ހަމަ އެއާއެކީގަ އަޅުގަނޑުމެން އެބަޖެހޭ ކުރިއައް އޮތް ދުވަސްތަކުގައި ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެންގެ ސުކޫލުގެ ކަރިކިއުލަމް ބަދަލުކޮށް ރަނގަޅު ތަރުބިއްޔަތު ދެވި އަޙްލާގް ރަނގަޅު ޖީލް ތަކެއް ބިނާކުރުމަށް." ގާސިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ގާސިމް ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އެމަނިކުފާނަށް ވޯޓުލައްވަންޖެހޭ ވަރަށް ގިނަ ސަބަބު ތަކެއް އެބަހުރި ކަމަށާއި އެގޮތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ނިޒާމް ލިއްބައިދީ އިޤްތިސޯދު ރަނގަޅުކުރުމައް ކުރާނެ މަސައްކަތްތަކުގެ ވާހަކަ ސިޔާސަތުގައި އެކުލަވާލެވި އިޖްތިމާއީ އަދާލަތު ރަނގަޅުކުރުމައް އަޅަންވީ ފިޔަވަޅުތައް އެޅުމާއި ސިޔާސީ އަދި ޙާރިޖީ ކަންތައްތައްވެސް ރަނގަޅު ކުރާނެ ގޮތް ވަރަށް ސާފުކޮށް ބުނެދެވިފައިވާނެކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯހާ ފުރިހަމަ މެނިފެސްޓޯއެއް އެކުލަވާލެވިފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.