އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެން ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާ ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާކަމަށެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނާއި ގަވައިދުގައި ބުނަނީ ވޯޓުލާ މަރުކަޒަށް އަންނަ މީހަކު އޭނާއަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށާއި އެހެން އިތުރު އެއްވެސް އެއްޗެއް އެ މީހަކަށް ނުއެއް ގެނެވޭނެ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން އިއްޔެ ވަނީ އާދައިގެ ގަލަމީ ކޮބައިތޯ ނިންމާފައި ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

"އާދައިގެން ގަލަމެއްގެ ގޮތުގައި ކޮމިޝަނުން ނިންމި ނިންމުގައި މި އޮންނަނީ އާދައިގެ ގަލަމެއްގެ ގޮތުގައި ބަލަނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް. އެހެންވީމަ ވޯޓުލާ މަރުކަޒަށް ވޯޓުލާ މީހަކު ކަޅު ނުވަތަ ނޫ ކުލަ ނޫން އެހެން ގަލަމެއް ގެނެސްފިއްޔާ އެއީ ގާނޫނުގައި ބުނާި އާދައިގެން ގަލަމެއް ނޫން ކަމަށް އޮފިޝަލުން ބަލާނީ. އަމިއްލައަށް ގަލަން ހިފައިގެން އައުމުން އެ ގަލަށް ޗެކް ކުރާނެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އާއި އެއީ އާދައިގެ ގަލަމެއްތޯ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލަިއގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ. އަދި އާދައިގެ ގަލަމެއް ހަމަ ވެއްދޭނީ. އާންމުކޮށް ބޭނުންކުރާ ގަލަމަކީ އާދައިގެ ގަލަން. އެހެންކަމުން އެ ގަލަމުގެ ކުލަ އީސީއިން މި ނިންމީ ކަޅު ނުވަތަ ނޫ ކުލައަށޭ ވާންޖެހޭނީ." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ވޯޓުލާ ބޫތްގައި ގަލަމެއް އޮންނާނެ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބޫތުގައި އޮތް ގަލަން ބޭނުން ކުރުން ކަމަށާއި އެ ނޫން ގަލަމެއް ގެންނަ ކަމަށްވާނަ ގެންދަ މީހަކު ގެންނަންވާނީ އާދައިގެ ކަޅު ނުވަތަ ނޫކުލައިގެ ގަލަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަށް ހުރިހާ ރައްޔިތުން ސަމާލުކަމަށް ބެހެއްޓުމަށް ހަބީބް އެދިލެއްވެވިއެވެ.

އޭގެ އިތުރުން ހަބީބް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ލަފާދޭ ކޮމިތީގައި ކަންބޮޑުވުން ފާޅުކުރި ކަމަކީ ވޯޓު ކަރުދާހުގައި ފާހަގަޖަހާއިރު އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ބައެއް މީހުނަށް މަޖްބޫރުކޮށްގެން ޖެހުމަށް އަންގަމުންދާ ކަމަށެވެ. ކޮމިޝަނުން ވިސްނާ ގޮތުގައި ވޯޓުލާ މީހަކަށް އެއްވެސް ކަހަލަ މަޖްބޫރީ ހާލަތެއް ނޯންނާނެ ކަމަށާއި އޭނާ ވޯޓުލާން ވާނީ އޭނގެ އަމިއްލަ އިހްތިޔާރުގައި އޭނައަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ކަމަށް ހަބީބް ވިދާޅުވިއެވެ. ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ފާހަގަ، ނިޝާން ނުވަތަ ކުރެހުމެއް އޮވެޖިއްޔާ އެ ވޯޓަކީ ބާތިލް ވިޓެއް ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

"ކުރީގައި އިންތިހާބު ތަކުގައި އުމުރުން ދުވަސްވީ ބޭފުޅުންނަށް އެ ބޭފުޅުން ފާހަގަ ލައްވާއިރު ފަހަރުގައި އެ ފާހަގަ ރަނގަޅު ނޫން ގޮތަކަށް ޖެހިފައި އޮވިއްޖިއްޔާ ދެވަނަ ފަހަރަށް ރަނގަޅުކޮށްލަން އިތުރު ރަނގަޅު ފާހަގައެއްލާ. އެހެންވީމަ ވޯޓުލާ މީހާގެ ނިޔަތަކީ ރަނގަޅު ފާހަގައެއް ޖެހުންކަމަށް ކޮމިޝަނުން ބަލަމުން އައީ. އެހެން ނަމަވެސް މިކަމުން ނާޖައިސް ފައިދާއެއް އެއްވެސް ބަޔަކު ނަގާ ކަމަށްވާނަމަ އެކަމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް. ވޯޓުގެ ސިއްރުކަން ގެއްލޭ ހާލާތަކަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ކޮމިޝަނުން ފުރުސަތެއް ނުދޭނަން." ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމި ދެވަނަ ނިންމުގައި ނިންމާފައިވަނީ ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ ކެނޑިޑޭޓްގެ ނަމާ ދިމާލުގައި ޖެހޭނީ އެންމެ ފާހަގައެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ލިޔެފިއްޔާ އެ ވޯޓު ވެގެންދާނީ ބާތިލް ވޯޓަކަށް ކަމަށް ވިދާޅުވިއެވެ.