ހދ. ނޭކުރަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ރައީސް އެގޮތަށް ވައުދުވެ ވަޑައިގެންނެވީ ރިޔާސީ ކެމްޕޭންއަށް ނޭކުރަންދޫއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ނޭކުރަންދޫގެ ތަރައްގީއަށް ޓަކައި ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އަދި އޭގެ ތެރެއިން ކުރަން ނިންމާފައި ހުރި ކަންކަން ރައީސް މިއަދު ހިއްސާ ކުރެއްވި އެވެ.

އޭގެ ތެރެއިން އެއް ކަމަކަށް ރައީސް ވައުދުވެވަޑައިގެންނެވީ ނޭކުރަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ދިނުމެވެ.

ހަމަ އެހެންމެ އެ ރަށުގެ ބަނދަރު ހެދިގެންދާ އިރު މޫދަށް އެރޭ ތަނަކާި އަދި ދޯނި އެހެލާ ތަނެއް ވެސް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ،

"މިރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް އެކިއެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ޔޫތު ސެންޓަރެއް ހަދައި އިންޑޯ ބެޑްމިންޓަން ކޯޓެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ރަށުގައި އަޅާދޭނަން" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ބެޑްމިންޓަންގެ އެންމެ ކުރީގައި އުޅޭ ނަބާ އާއި ނަބީ ވެސް ނިސްބަތްވަނީ ނޭކުރަންދުއަށްކަން ރައީސް ފާހަގަ ކުރެއްވި އެވެ. މި ފަހަރު ބޭއްވި އިންޑިއަން އޯޝަން ގޭމެސްގެ ބެޑްމިންޓަންގެ އަންހެނުންގެ ޑަބަލްސް ގޯލްޑް މެޑަލް އެ ދެ ކުޅުންތެރިން ވަނީ ހޯދައިފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ނޭކުރަންދޫގައި ކުނި ނައްތާލުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޒަމާނީ ވަސީލަތްތަކާއެކު އަޅާދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އޮތީ ބަޔަކާ ހަވާލުކުރެވިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ބާކީ ނުކޮށް ތަަރައްގީ ކުރާނެ ކަމުގެ ޔަގީން ރައީސް މިއަދު ވެސް ދެއްވި އެވެ.

"ވަކި ރަށެއްގައި އުޅޭތީ ވަކި އާއިލާއަކަށް ނިސްބަތްވާތީ އެ މީހަކު ބާކީއެއް ނުވާނެ. ވަޒީފާ ދިނުމުގައި ވެސް ހިދުމަތްތައް ދިނުމުގައި ވެސް އެކަން އޮންނާނީ ހަމަހަމަކޮށް. ރައްޔިތަކަށް ވީތީ އެ ދޭން ޖެހޭ ހިދުމަތްތައް އަޅުގަނޑުމެން ފޯރުކޮށްދޭނަން" ރައީސް ވިދާޅުވި އެވެ.