ހދ. ވައިކަރަދޫގެ ސަރަހައްދަށް ކާގޯ ފެރީގެ ނިޒާމެއް ގާއިމުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރައީސް ސޯލިހު އެގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ ކެމްޕޭންއަށް މިއަދު ވައިކަރަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ އިގުތިސާދީ ބޮޑު ބަދަލެއް ގެންނައިރު އަމާޒަކީ ޓޫރިޒަމް އިންޑިސްޓްރީއާއެކު މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުން ކަމަށެވެ.

އޭގެ ތެރެއިން ދަނޑުވެރިކަމަށް އަމާޒުކޮށް ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯ ފައިނޭންސިންގެ ހިދުމަތްތައް ތައާރަފްކޮށް ދަނޑުވެރިންނަށް ބޭނުންވާ ބިން ހޯދަން އިސްކަންދީގެން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ލޯނު ދެއްވާނެ ކަމަށެވެ.

"ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއުޗެއިންއެއް ގާއިމުކޮށް ދިވެހި ދަނޑުވެރިންނަށް ދިވެހި މާރުކޭޓާއި ރިސޯޓުތަކަށާއި ބައިނަލްއަގުވާމީ މާކެޓްތަކާ ގުޅުވާލަދީ ރާއްޖެއިން އެތަކެތި ބޭރުކުރެވޭ ގޮތް އިރާދަ ކުރެއްވިއްޔާ އެކްސްޕޯޓް ކުރެވޭ ގޮތް ހަދައިދޭނަން. އެނގި ވަޑައިގަންނަވާނެ ރާއްޖޭގައި ވަރަށް ރަނގަޅަށް އުފައްދާ އެންމެން ރަނގަޅަށް ބޭނުންވާ ބައެއް ޒާތުގެ މޭވާ އެބަ ހުރި. ފަޅޮލާއި ދޮންކޭލާއި ކަރައާއި މިހިރީ އަނބާއި މި އެއްޗިއްސަކީ މިހާރު ރަނގަަޅު ނިސްބަތަކުން އުފެދިއްޖެކަމަށް ވެއްޖިއްޔާ އެކްސްޕޯޓުގައި ބޭރުގެ މާކެޓްތަކުގައި އަޅުގަނޑުމެންނަށް ވިއްކޭނެ ތަކެތި. ބޭނުންވަނީ މި ދެންނެވިގެން ދަނޑުވެރިންނަަށް މި މަސައްކަތް ކުރެވޭނެ ގޮތްތަކާއި މި ތަކެތި ވިއްކޭނެ ފަސޭހަ މާކެޓްތައް ހޯދައިދިނުން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ސަރުކާރުން އެ މަސައްކަތް ކުރާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ވައިކަރަދޫގައި ހައްދާ މޭވާއާއި ތަރުކާރީ ފަސޭހައިން ގެންދެވޭނެ ފެރީގެ ނިޒާމެއް ގާއިމުކޮށް ކާގޯ ފެރީއެއް ވައިކަރަދޫގެ ސަަރަހައްދުގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ވައިކަރަދޫގެ ބޯހިޔާވަހިކަން ހައްލުކުރަން ރޯ ހައުސް އަޅައި މަގުތައް ވެސް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަަމަ އެހެންމެ އެ ރަށުގައި ސްކޭޓް ޕާކަކާއި ޖާގަ ތަނަވަސް މިސްކިތެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު