ރައީސް މުހައްމަދު ނަޝީދުވެ ވެރިކަން 2012 ވަނަ އަހަރު ނިމިގެން ދިޔަ ގޮތް ތަހުގީގު ކުރަން އުފެއްދި ކޮމިޝަން އޮފް ނެޝަނަލކް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ) ރިޕޯޓް ގެއްލިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ހދ. ނޭކުރެންދޫގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށާއި, އެކަން ބަލާ ތަހުގީގުކޮށް އޭގެ ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ކޯނީ ރިޕޯޓް އާއްމުކުރި ވެބްސައިޓް ކަމަށްވާ ކޯނީރިޕޯޓް.އޯގް ގައި މިހާރު ވެސް އެރިޕޯޓް އެބައޮތެވެ. އޭރު އިނގިރޭސި ބަހުން ތައްޔާރުކުރި ރިޕޯޓާއި، އަދި ރިޕޯޓްގެ ދިވެހި ތަރުޖަމާގެ އިތުރުން ކޯނީ ރިޕޯޓް ތައްޔާރު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ މައުލޫމާތު ވެސް ވެބްސައިޓްގައި އެބައޮތެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓުގައި ވެސް ކޯނީގެ ރިޕޯޓް މިހާރުވެސް ފެންނަން އޮތް ކަން ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅުވާލައު އުޝާމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ހޯދާ، އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ރައްޔިތުންނަށް ހޯދާ ދިނުމަށް ވައުދުވެގެން ކަމަށެވެ.

"[އެކަމަކު] ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު މިއިން އެއްވެސް ކަމެއް ނުކުރެވުނުތާގަ ކުރީގެ ސަރުކާރުތަކުން ހަދާފަހުރި މުހިންމު ރިޕޯޓްތައްވެސް މިހާރު ވީތަނެއް ނޭނގޭ." އުޝާމް ވިދާޅުވިއެވެ.

ކޯނީ ރިޕޯޓްގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް ނިންމާފައެވެ. އެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރެއްވީ ރައީސް ނަޝީދުގެ ފަރާތުން ވެސް މަންދޫބަކު ބައިވެރިވެގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުން އޮވެގެންނެވެ. ނަމަވެސް ނަޝީދުގެ މަންދޫބު ވަނީ އެންމެ ފަހުވަގުތު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް ކޯނީ ރިޕޯޓްގައި ބުނި ނަމަވެސް ނަޝީދު އާއި އެމްޑީޕީން އެކަން ގަބޫލެއް ނުކުރެއެވެ.