ދިވެހިބަހުގެ އެކެޑެމީގައި ހިންގަވަމުން ގެންދަވާ ތާނަ ބްރައިލް ކޯހުގެ ދަރިވަރުންނާ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު ޝިހާމް ބައްދަލުކުރައްވައި އެކޯސް ހިންގާ ގޮތް ބައްލަވާލައްވައިފިއެވެ.

އެ އެކަޑަމީން ހިންގަވާ އެއް މަސް ދުވަހުގެ މި ކޯހުގެ ބައިވެރިންނަށް ތާނަ ލިޔެކިޔަން ދަސްކޮށްދޭނީ އެކަމަށްޓަކައި އަލަށް އުފެއްދި ތާނަ ބްރައިލް ބޭނުން ކޮށްގެންނެވެ.

ބްރެއިލަކީ އުފުލިފައިވާ ހަ ތިކި ވަކި ހާއްސަ ތަރުތީބުތަކަކުން އަތުރާލައިގެން އުފައްދާފައި ހުންނަ އަކުރުތަކެކެވެ. އެ ގޮތަށް ލިޔެފައި ހުންނަ ލިޔުންތައް، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުން ކިޔާނީ އެމީހުންގެ އަތުގެ އިނގިލިތަކުން، އުފުލިފައިވާ އެ ތިކިތަކުގައި ޖައްސައިގެން އެތިކިތައް އެތުރިފައިވާ ބައްޓަމުން ނުވަތަ ތަރުތީބުން އެއީ ކޮން އަކުރުތަކެއް ކަން ދެނެގަނެގެންނެވެ

މި ކޯހުގައި، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން، ބްރައިލް ބޭނުންކޮށްގެން އެފަދަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ވެސް އުފެއްދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މިފަދަ ކުދިން ވަޒީފާގެ މައިދާނަށް ނެރުމަށް ތައްޔާރު ކޮށްދިނުމަކީ ވެސް މި ކޯހުގެ އެއް މަގްސަދެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ ތާނަ ބްރައިލް އީޖާދު ކުރެއްވި އަލްގާރީ އަހްމަދު ރަޝީދު އަބްދުލް ގާދިރެވެ.