ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މި ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދޮގު ކުރައްވައިފިއެވެ.

ދިޔަރެސް ނޫހުގައި ބުނެފައިވާގޮތުގައި މިއަދު ފިނޭންސް މިނިސްޓްރީގައި ފިނޭންސް މިނިސްޓަރު އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަން ބައްދަލު ކުރައްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިންޑިއާއިން ދަރަންޏަށް 3 ބިލިއަން ރުފިޔާ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ގޮސްފައި ވެއެވެ.

މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެން ކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ.

އެ ވާހަކަ ދޮގު ކުރައްވާ އަމީރު ވިދާޅުވީ ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދާ ކަމަަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Hhhh

    Ameer menah donkalhuves angaanulaa dho mi ninmaalanee.

    2
    1
  2. އަލް ޖަމީލު

    ހުށަހެޅިޔަސް ކަލޭ އެއްބަހެއްނުވާނެ.މިހުރިހާކަމެއްގަ ކަލޭ ބައިވެރިވޭ..