ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ބޭނުންކުރާ ވޯޓު ކަރުދާސްތައް ބޭރު ނުވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިލެކްޝަންސްއިން އެފަދަ ޔަގީންކަމެއް ދިން އިރު ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން އިލެކްޝަންސް އިން ބެލުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ ގޮވާލައްވައިފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ވަގުތަށް" މިއަދު ވިދާޅުވީ އަދުރޭގެ ވާހަކަތަކުގައި އަސާސެއް ނެތް ކަމަށެވެ. ހަބީބް ވިދާޅުވީ އިންތިހާބުގައި ޗާޕްކުރާ ކަރުދާސްތަކަކީ ފެންވަރު ރަނގަޅު ސެކިއުރިޓީ ގޮތުން ވަކި ހަމައަކަށް ފެތޭ ވޯޓު ކަރުދާސްތަކެއް ކަމަށެވެ.

އަދި ވޯޓު ކާރުދާސް ޗާޕުކުރުމަށް ޗާޕު ކުރި އަދަދުވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ހަބީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ އެ ޗާޕް ކުރި ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށުން ވޯޓުލާ މަރުކަޒުތަކަށް ގެންދާއިރު ގެންދާ އަދަދު ވެސް ހާމަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ ވޯޓު ލާ މީހުންގެ އަދަދާ އަދި ބާކީވާ ކަރުދާހުގެ މައުލޫމާތުވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު ވޯޓުލާ ބޫތުތައް ބަހައްޓާފައި ހުންނަ ގޮތުން ފަހަތު ޖީބުން އެއްޗެއް ވައްޓާލިޔަސް އެނގޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން ވޯޓު ކަރުދާސް ބޭރު ކުރި ކަމަށް ބުނެ، އެ ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.