ޔޫތު މިނިސްޓްރީން އިންތިޒާމް ކޮށްގެން ކޮންމެ އަހަަރަކުވެސް ބާއްވަމުން އަންނަ "ޔޫތް ޗެލެންޖް" ގެ މި އަހަރުގެ ފެއާވެސް ވަރަށް ކާމިޔާބުކަމާއެެކު ކުރިއަށްދާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

800 ވަޒީފާގެ ފުރުޞަތާއެކު 88 ސްޓޯލް ހިމެނޭ ޔޫތް ޗެލެންޖް ފަށާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ޔޫތް މިނިސްޓްރީން ވިދާޅުވިގޮތުގައި، މިހާތަނަށް އެ ފެއާއަށް 4329 ޒުވާނުން ވަނީ ޒިޔާރަތްކޮށްފައެވެ.

ޔޫތް ޗެލެންޖަކީ ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ޒުވާނުންނަށް ހުރި ތައުލީމާއި ތަމްރީންތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތައް ދައްކާލާ، ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ލިބިގެންދާފަހި ފުރުޞަތެކެވެ.

"ޔޫތް ޗެލެންޖް" ގައި، އިންޓަރންޝިޕް، ވަޒީފާގެ ތަޖުރިބާ ހާސިލް ކުރުމުގެ ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގްރާމްތަކުގެ 900 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

"ޔޫތް ޗެލެންޖް" ގެ ސްޓޯލްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ 32 ސްޓޯލް ހިމެނޭއިރު، ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކާއި، ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ޓްރެއިނިން އިންސްޓިޓިއުޓަކުގެ އިތުރުން ސިނަމާތަކާއި، ފެޝަން ބްރޭންޑްތަކާއި، ޑައިވިން ސްކޫލްތަކާއި، އާރޓިސްޓުންނާއި، ބޮޑެތި ހޮޓެލްތަކާއި، ޓީވީ ސްޓޭޝަންތައް އަދި ހޮސްޕިޓަލްތަކާއި ސަރުކާރުގެ ވުޒާރާތަކުންވެސް ސްޓޯލްތައް ބައިވެރިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެތަނުން ޒުވާނުންނާއި، ގުޅޭ ހަރަކާތްތަކާއި، އިނާމާއި، ކޮފީ ފަދަ ތަކެތިވެސް ލިބޭނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.