ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ގުޅިގެން ހިންގާ "މީރީ" ޕްރޮޖެކްޓުގެ "ޕިޗް-އަޕް ޔޫތް އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖް"ގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލި ފަރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމް. ޕިޗް-އަޕް ބޫޓު ކޭމްޕް ފަށައިފިއެވެ.

"މީރީ" ޕްރޮޖެކްޓުގެ ދަށުން ހިންގަން ނިންމާފައިވާ ޕިޗް-އަޕް ޔޫތް އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖް އަކީ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރި ހިޔާލު ހުށަހަޅައި، އެ ހިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށް ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ޕިޗް-އަޕް އަކީ ވިޔަފާރިއެއް ތަރައްގީކުރާނެ ގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށް 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ހިންގޭ މުބާރާތެކެވެ. މި މުބާރާތުގައި ހުށަހެޅޭނީ ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާގެ އުފެއްދުންތެރި ވިޔަފާރީގެ ހިޔާލު ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

 

މިނިސްޓްރީއިން ބުނީ މި ބޫޓު ކޭމްޕުގައި ބިޒްނަސް ޕްރޮޕޯސަލް އެކުލަވާލައި، ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށައިގެން ތަރައްގީ ކުރާނެ ގޮތުގެ މައުލޫމާތާއި، އިރުޝާދާއި ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށެެވެ.

ޖުމުލަ 7 ސެޝަނެއްގެ މައްޗަށް ބަހާލައިގެން އޮންލައިންކޮށް ހިންގުމަށް ތާވަލް ކޮށްފައިވާ މި ކޭމްޕުގައި ކިޔަވައިދެއްވާނީ ހާއްސަ ތަމްރީން ދެވިފައިވާ ތަޖުރިބާކާރު ދިވެހި ޓްރެއިނަރުންނެވެ. ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންގެ ކާމިޔާބީއާއި، ވިޔަފާރީގެ ތަޖުރިބާ ހިއްސާކުރުން ވެސް އޮގަސްޓް 22-28ވަނަ ދުވަހުގެ ނިޔަލަށް ހިންގައި މި ކޭމްޕުގައި އޮންނާނެއެވެ.

5 އޭޕްރީލް 2021ގައި ހުޅުވާލި މުބާރާތުގެ މުހުލަތު މެއި މަހުގެ ނިޔަލަށް ހަމަވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 192 ހުށަހެޅުން ލިބިފައިވާ ކަމަށް މިނިސްޓްރީއިން ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރެއިން ޝަރުތުހަމަވެ ބޫޓް ކޭމްޕުގައި ބައިވެރިވާނީ 132 ފަރާތެކެވެ.