އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑު ސިޓީ ހިތަދޫ ރައްޔިތުންނާއި ބައްދަލުކޮށް މިއަދު މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި ގެދޮރުވެރިކަން ޔަގީން ނުވާ މީހަކު ނުހުންނަވަރު ކުރާނެ ކަމަށެވެ.

"ޔަގީން ކުރަން ބޭނުންވާ އަމާޒަކީ އަދި ޔަގީންކޮށްދޭނެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު މި ސިޓީގައި ގެދޮރުވެރިކަން ޔަގީން ނުވާ އެއްވެސް މީހަކު ނުހުންނާނެކަން.". މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީ ހިތަދޫއަށް - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ބޯހިޔާވަހިކަން ޔަޤީންކޮށްދިނުމަކީ މުއިއްޒުގެ އެންމެ މުހިންމު ސިޔާސަތެވެ. އެހެންކަމުން އޭނަގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަތްފޯރާ ފަށުގައި ލޯނު ދޫކޮށްގެން ގެދޮރުވެރިކަން ޔަގީންކޮށްދިނުމަކީ އޭނާގެ އެންމެ މުހިއްމު ވައުދު ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އައްޑޫގައި ވެސް ހައުސިން މަޝްރޫއުތައް ހިންގައި ހައުސިން ލޯނުތައް ދޫކުރާނެ ކަމަށެވެ.

ހިތަދޫ ޕޯޓު ތަރައްގީކޮށް ވިޔަފާރީގެ ކުރިއެރުން އެތައް ގުނައަކުން މަތިކުރަން ބޭނުންވާ ކަމަށާއި އަދި ހިތަދޫ ބަނދަރު ތަރައްގީކޮށްދީ އެންމެ މުހިއްމު އެއް ބަނދަރަކަށް އެތަން ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އައްޑޫގެ މަގުތައް ސިޓީއެއްގައި ހުންނަންޖެހޭ ފެންވަރަށް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިސަރުކާރުން ރަށްރަށުގައި މަޝްރޫޢުތައް ހިންގަމުންދާއިރު، އޭނާގެ ވެރިކަމެއްގައި އެއިން އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށެވެ. އެ ޔަޤީންކަން މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދީފައެވެ. އަދި ސިޔާސީ މަގާމުތައް ފިޔަވާ އެހެން ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވިއެވެ.