(ސ.ހިތަދޫ) ދެކުނު ޖަލްސާއަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތުމުން ސަފުގައި އެމަނިކުފާނާ ސަލާން ކުރަން ހުރި ތުއްތު ކުއްޖެއްގެ އެދުމަށް އެ ސިޓީގައި ރަސްރަނި އާއި އެއްފަދަ ހިތްފަސޭހަ ޕާކެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫ އަށް މިއަދު ހަވީރު ވަނީ ވަޑައިގެން އެ ރަށުގެ ދެކުނު ޖަގަހަ ސަރަހައްދުގައި ތިއްބެވި ހުރިހާ ފަރާތްތަކާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އެކި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ކުޑަކުދިން އެންމެ ގިނައިން އެދިފައިވަނީ ޕާކްތައް އަޅައިދިނުމަށް ކަމަށް ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީ ހިތަދޫއަށް - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

"ކުޑަކުދިން އަޅުގަނޑަށް އެންމެ ގިނައިން މިހެން ސަލާން ކުރަން ސަފުގައި ތިބެފައި ވާހަކައެެއް ދަންނަވާލަން ބުނީމަ ގުދުވެލީމަ ބުނާވާހަކައަަކަށް އޮންނަނީ ތިމަންނަމެންނަށް ޕާކެއް ހަދާދެއްޗޭ. ކޮންމެ ރަށަކުންވެސް އެންމެ ގިނައިން އަންނަނީ އެކަން. އަޅުގަނޑު މިހާރު އޮންނާނީ އެވާހަކަ ދައްކާފައި މިހާރު ގިނަ ރަށްތަކުގައި. އަޅުގަނޑުމެންގެ ތަރައްގީ ޕްލޭންގައި ޕާކްތައް،ގްރީން ސްޕޭސަސް،ކުދިން ނިކުމެ، އާއިލާތައް ނިކުމެ،ވަގުތު ހޭދަކުރާނެ ޕާކްތައް ހެދުމަކީ ކޮންމެ ރަށެއްގައިވެސް ކުރާނެ ކަމެއް." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީ ހިތަދޫއަށް - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ހިތްފަސޭހަ ތަންތަން ހައްދަވާފައިވާކަމަށް ވެސް މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"މާލޭގައި ރައީސް ޔާމިންގެ ވެރިކަމުގައި އަޅުގަނޑުމެން ހެދި ރަސްރަނި ބަގީޗާ މިހާރު އަނެއްކާ ނަން ބަދަލުކޮށްފައި އޮތަސް، އެ ޕާކް، އެކަހަލަ ރީތި ޕާކެއް، މި ސިޓީގައި ހަދާދޭނަން. އެއީ ހަމަ އަޅުގަނޑުމެން އެހެން ސިޓީ ތަކުގައި ވެސް އެކަން ކުރާނެ ގޮތް.".

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޑރ މުއީޒުގެ ވެރިކަންވާނީ ދިވެހިރާއްޖެއަށް ތަނަވަސް ފާޤަތި ބަރަކާތްތެރި އަހަރަކަށް ﷲ ގެ ތަނަވަސް ރަހުމަތުން ، ދިވެހިން އުފާފާގަތި ކަންމަތީ ފިރިއުޅޭނެ އަހަރުތަކެއް !

    14
    1
  2. މުޙައްމަދު

    ވަރަށް ގިނަ ވައުދުތައް ދެބޭފުޅުނަށްވެސް ވެވޭތީ ދެބޭފުޅުންވެސް ހުރިހާ ވައުދުތައް ނޯޓުކޮށްފައި ބާއްވާތި! އިންސާނުންނަށް ވީތީ ހަމަވަރަށް އަވަހަށް ހަދާންނެތޭނެ!

  3. ދިރާސާ

    ވޯޓު ނުލެވޭ އުމުރުގެ ކުޑަކުދިން ސިޔާސީ ހަރަކާތްތަކަށް ނުނެރުމަށް ގޮވާލަން..