ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އައްޑޫ ސިޓީ އަށް 10،000 ވަޒީފާ އިތުރު ކޮށްދެއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ހިތަދޫ އަށް ވަޑައިގެން ހިތަދޫ ދެކުނު ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި ޓޫރިޒަމްގެ ސިނާޔަތް ފުޅާކުރުމަށް 6،000 އެނދުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އައްސޭރި ޓޫރުޒަމްގެ މަޝްރޫޢު، 6،000 އެނދު ހާސިލްވާ މިންވަރަށް ހަގީގަތަކަށް ހަދައިދީ، މި ސިޓީއަށް 10،000 މީހުންގެ ވަޒީފާތައް ހޯދަދިނުމަކީ އަޅުގަނޑުމެންގެ އަމާޒު" މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ހިތަދޫ ރައްޔިތަކާއެކު ފޮޓޯ އެށް ނަންގަވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ނިމުމަކާއި ހަމަޔަށް އައި އިރުވެސް އައްޑޫއަށް ބޭނުންވާ އަދި އައްޑޫގެ ރައްޔިތުން އެދޭފަދަ ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެހެންކަމުން އޭނާ އެދެނީ އޭނާއަށް އައްޑޫގެ ރައްޔިތުން އިތުބާރު ކުރައްވާ ކުރިއަށް ދިއުމަށެވެ. ރައްޔިތުން އެދޭ ގޮތައް އައްޑޫ ސިޓީ ހައްދަވާ ދެއްވުމަކީ އޭނާގެ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މުއިއްޒު ވަނީ އައްޑޫގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ހަދާދީ އައްޑޫގެ ރައްޔިތުންނަށް އެތަނުގައި ތިބެގެން އެކަށީގެންވާ ވަރުގެ ފަރުވާ ލިބޭނެގޮތް ހައްދަވާދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އައްޑޫގެ މަގުތައް ރައްޔިތުން އެދޭގޮތަށް ޒަމާނީ ފެންވަރަށް ހައްދަވާދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އައްޑޫގެ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ގާތުން ބަލާ ފުރިހަމަކުރުމުގައި ދެމިހުންނަވާނެ ކަމަށާއި އޭނާގެ ފަސް އަހަރު ނިމޭއިރު އައްޑޫގައި ބޯހިޔާވަހިކަން ނެތް އެއްވެސް މީހަކު ނުހުންނަ ވަރަށް ބޯހިޔާވަހިކަމަށް ޖެހިފައިވާ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އައްޑޫން މިއަދު ޑރ.މުއިއްޒަށް ވަނީ ޚޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރޭ

    ކޮބާހޭ ކޮބާހޭ ގެނެސްދޭން ބުނާ ޕްލޭން. ވޯޓައްޖަހާ މަޅި ޕްލޭނެއް ނެތް. ދޮގު މައްޗައް ދޮގު. މުއިއްޒުމެންގެ ވެރިކަމުގައި އައްޑޫ އޮތީ އެކަހެރި ކޮއްފައި. މި އަދު ތިދައްކާވާ އަހަންނެއް ގަބޫލެއްނުކުރާނަން.