ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ތާއީދުކޮށް، އިންތިޚާބު ކާމިޔާބުކޮށްދެއްވައިފިނަމަ، އެންމެ ފުރަތަމަ ކުރައްވާނީ ގައުމީ މަސައްކަތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ، ކޮންމެ ޕާޓީއެއްގައި ހުުރިކަމުގައިވިޔަސް، އޭނާއަށް ތާއިދު ކޮށްދެއްވާ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

"މި ދަތުރަކީ ދިވެހީންގެ ރާއްޖެއަށް ދާން ފަށާފައިވާ ދަތުރެއް. ގައުމު އިސްކުރައްވާ. ކޮންމެ ޕާޓީއެއްގައި ހުއްޓަކަސް ގައުމު އިސްކުރައްވާ ތާއީދު ކުރައްވާ އިންތިޚާބުކޮށްދެއްވާ"

ޑރ.މުއިއްޒު މީދޫގެ ރައްޔިތރުންނާ ސަލާން ކުރައްވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެ ވަނީ ވަރަށް ބޮޑަށް ދަރާފައި ކަމަށާއި މިކަމުން ރާއްޖެ ސަލާމަތް ކުރެވޭނީ އޭނާ އިންތިޚާބު ކޮށްދެއްވައިގެން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި 146 ބިލިއަނަށް އަރާފައިވާ ކަމަށް ވިދާޅުވެ، އަނެއްކާވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"146 ބިލިއަނަށް އަރާފައިވާއިރު ދެބައިކުޅަ އެއްބައި ވަކި ގައުމަކުން، އަޅުވެތިވާނީ މިވަރަކަށް.". މި ސަރުކާރުން އިންޑިއާ އިން ނަގާފައިވާ ދަރަނި ބޮޑުކަމަށް ފާހަގަކޮށް އެއީ އަޅުވެތިވުންކަމަށް ސިފަކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ތަރައްޤީ ގެނެވޭނެ ކަމަށާއި، ނަމަވެސް މުހިންމީ މިނިވަންކަން ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

އެގޮތުން މުއިއްޒު ވަނީ ހުޅުދޫމީދޫ އާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގުޅުވާދޭ ބްރިޖް އަވަސް ސްޕީޑެއްގައި ނިންމަވައިދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. މި ސަރުކާރުން ސިނަމާލެ ބްރިޖް ނިންމުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ނިމިފައިނުވާތީ އެކަމަށް ޑރ. މުޢިއްޒު ވަނީ ފާޑު ވިދާޅުވެފައެވެ.

" ބްރިޖް މަތީ އެބަހުރި ވެހިކަލްތަކެއް ބަހައްޓާފައި. މޮޑެލްތަކެއްގެ ގޮތުގައި. އެހެން ނަމަވެސް އަޅުގަނޑު ހުޅުމީދޫ ބްރިޖް ފުރިހަމަ ކޮށްދެއްވާނަން.". މުއިއްޒު ވިދާޅުވިއެވެ.

މިރޭ ޖަލްސާގައި ހުޅުދޫން ޕީޕީއެމްއަށް 100 ޒުވާނުން ވަނީ ގުޅިފައެވެ.

އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ކެމްޕެއިންގެ ފަހު ދަތުރުގައި އައްޑޫ ސިޓީއަށް ޑރ.މުއިއްޒު މިއަދު ވަޑައިގަތުމުން އެ ސިޓީއިން އޭނާއަށް ވަނީ ޚޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދެވަނަ ބުރު އޭނާއަށް ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.