ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ގުޅިފައިވާ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި އެތައް އަހަރަކު އުޅުއްވާފައިވާ ގިނަ ބޭފުޅުންތަކެއް އިދިކޮޅާއި ގުޅެމުންދާ ކަމަށެވެ. އެގޮތުން ހުޅުދޫން ވެސް ރޭ ގުޅުނު ގިނަ މީހުންނަކީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ މީހުން ކަމަށް ވިދާޅުވިއެވެ.

" ލ. އަތޮޅާއި ގދ. ތިނަދު އާއި ގއ. ވިލިނގިލި އަދި މާލެ އާއި އެހެން ބައެއް ރަށްރަށުން ވެސް އެމްޑީޕީން ޕީޕީއެމަށް ގިނަ ބަޔަކު ވަނީ ގުޅިފައި. މި ޕާޓީއަށް ގުޅިވަޑައިގެން ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އިތުރު ތާއީދު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ހުޅުދޫން 50 މީހަކު ވަނީ ޕީޕީއެމްއާ ގުޅި މުއިއްޒަށް ތާއީދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީދޫން ވެސް ގިނަ އަދަދެއްގެ ބަޔަކު ރޭ ޕީޕީއެމްއަށް ސޮއިކޮށްފައިވެއެވެ.

އިދިކޮޅާއި ގުޅުނު ފަރާތްތަކުގެ ފޯމް ރޭގައި ބޭއްވި ޖަގަހަ ޖަލްސާތަކުގައި ވަނީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ހަވާލުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްޔާ

    ފެންނަން ތިހުރި އަދަދުތަކަށް ވުރެ މާގިނަ ބަޔަކު 30 ގައި ގުލިފައިވާކަން ފެންނާނެ //
    އިރާދަކުރެއްވިޔާ ތިޔައި 23 ' ގައި ދިވެހީންގެ ރައީސް //

    6
    1